ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް،،،

ޖުމްހޫރީ މާލަމުގައި ރޭ ބޭއްވުނު ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: www.jumhooreeparty.com

ޖޭޕީގެ ވެރިކަމެއްގައި، މިހާރު އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި، އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ އަންގާރަ ދުވަހެއްގެރޭ ޖޭޕީން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤާސިމް ވިދާޅުވީ  ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ވަސީލަތެއް ގާއިމު ނުކޮށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާ، އެހެންކަމުން ޖޭޕީގެ ވެރިކަމެއްގައި އެކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

”އަޅުގަނޑުމެންނަށް އެނގޭ ރަށެއް ކޮށާލައިގެން ނޫނީ ރަށެއް ނުހިއްކާ ހަދާ ކަމަށް ވަންޏާ ކިހާވަރެއްގެ ހަރަދެއްކަން އެކަމަށް ދާނީ، އަޅުގަނޑު ކަށަވަރުކަމާއި ޔަގީންކަމާއެކު މިދަންނަވަނީ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި މިހާރު އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އެޅިގެންދާނެ،” ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީމާލަން ”މ.ކުނޫޒް” ގައި ރޭ ބޭއްވުނު މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ، އެމަނިކުފާނަށްވުރެ ވަކި ރަގަޅަށް ވެރިކަން ކޮށްދެވޭނެ އެހެން ލީޑަރަކު ފެންނަން ނެތުމުން ކަމަށާ، ހުރިހާ ގޮތަކަށް ބެލިޔަސް އެމަނިކުފާނާ ވާދަކޮށް، އަރާ ހަމަކުރެވޭނެ ހަމައެކަކުވެސް ފެންނަން ނެތް ކަމަށެވެ. އަދި ތަޖުރިބާގެ ހައިސިއްޔަތުންވެސް މި ދިވެހިރާއްޖޭގައި އަޅުގަނޑުގެ ނެތް ތަޖުރިބާއެއް ކުރެވިފައި ހުރި ހަމަ އެކަކު ވެސް، އަދި އެ ސްޕީޑުގައި މަސައްކަތް ކުރެވޭނެ މީހަކު ވެސް ނެތް. އެ ވިޝަން ހުރި މީހަކު ވެސް ނެތް، ތި ބޭފުޅުން 3،2،1  ކިޔާފައި ހުރިހާ ކަމެއް ބެއްލެވިޔަސް ޔަގީން ވެގެންދާނެ ކަޅު އަނދިރިކަމާއި ރީތި ދުވަހެއްގެ ދުވާލު މެންދުރުގެ އަލިކަމާ މި ދޭތީގެ ހުރި ތަފާތު ފެންނަ ފަދައިން މި ދެންނެވި ކަންތައްތައް،” ޤާސިމް ވިދާޅުވިއެވެ.

ވިލާ ގްރޫޕްގެ ޗެއަރމަން ކަން ކުރައްވާ ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ނަމުގައި ތަފާތު އެކި މަސައްކަތްތައް ކުރާތީ މީހުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ ކަންތައްތައް ހަވާލުކުރަންވީ އެ ހުރިހާ ކަމެއް ކުރެވޭ ފެންވަރުގެ މީހަކާ ކަމަށެވެ.  ”ކަމެއް ކުރަން ދަންނަ، ކަމެއް ކުރަން އިނގޭ، ކަމެއް ކޮށްފައި ހުރި މީހެއް ނޫންތޯ ބޭނުންވަނީ؟ ”ހަށަނަރަބަޅަ” ހުސްވަންދެން ނުވަތަ އޭބީސީޑީގެ ހުރިހާ އަކުރުތަކަކުން ވިލާ ކިޔައި ގޮސް ހުސްވަންޏާ އޭގެ މާނަ އަކީ އަޅުގަނޑަށް ކަމެއް ކުރަން އެނގެއޭ. ކަމެއް ކުރެވިއްޖެއޭ.” ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ ރައްޔިތުންނަށް މިފަހަރު ފުނިފުންޏަށް ލާރި އަންނާނެ ކަމަށާއި އެއީ “ވެނުމަސް ވެނަށް ކާންދިނުން” ކަމަށެވެ. އަދި އެ ފައިސާގައި ނުހިފުމަށް ލީޑަރު އިލްތިމާސް ކުރެއްވި އެވެ. ”ފައިސާގައި ހިއްޕެވިޔަސް އެ މީހުން ބޭނުންވާ ގޮތަށް އެކަން ނުކުރައްވާތި. ވޯޓް އެ މީހުން ބޭނުންވާ ގޮތަކަށް ވިއްކާ ނުލައްވާތި. މިފަހަރު ދިވެހި ލޮބުވެތި ރައްޔިތުން އެކަން ކުރައްވައިފިއްޔާ މުޅި އުމުރަށް ހިތާމަ ކުރައްވާނެ. އެ މިސްޓޭކް ނަހައްދަވާތި” ޤާސިމް ވިދާޅުވިއެވެ.

މިރޭގެ މިބައްދަލުވުމުގައި، ކުރީގެ މަޝްހޫރު ބައެއް ލަވަކިއުންތެރިން ކަމަށްވާ އިބްރާހިމް ޝަކީބާއި އަބްދުއްރައޫފު އަދި އިމާދު އިސްމާއީލްގެ އިތުރުން ހިތްގައިމު އެތައް ޅެންތަކެއް ހައްދަވާފައިވާ އާދަމް ޙަލީމް އަދުނާން ވަނީ ޖޭޕީ އަށް ސޮއިކުރައްވާފައެވެ. އަދި ޖޭޕީ އާއި އަލަށް ގުޅިވަޑައިގެންނެވި 200 އަށްވުރެ ގިނަ ބޭފުޅުންގެ މެމްބަރޝިޕް ފޯމް ވަނީ ލީޑަރާ ޙަވާލުކުރައްވާފައެވެ.

Comments are closed.