Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ގާސިމް އިބްރާޙީމް ވަރަށް ކުއްލި ގޮތެއްގައި ފުލުހުން ހައްޔަރު ކުރުން

ނަންބަރު :   JP-NB/2017/04/004

 

ނޫސްބަޔާން

ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ގާސިމް އިބްރާޙީމް ވަރަށް ކުއްލި ގޮތެއްގައި ފުލުހުން ހައްޔަރު ކުރުން ޖުމްހޫރީޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

އޮނަރަބުލް ޤާސިމް އިބްރާޙީމް ހައްޔަރު ކުރީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްޕުޅުތަކަށް ހުރަސްއަޅައި، ސިޔާސީ އެހެން ޕާޓީތަކާ ރާއްޖޭގެ އެންމެ އިސް ސިޔާސީ ލީޑަރުންނާ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަށް ހުއްޓުވުމުގެ ގޮތުން ކަމަށް ޖުމްހޫރީޕާޓީން ދެކެމެވެ. މިމަސައްކަތްތައް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ޖުމްހޫރީޕާޓީގެ ކައުންސިލްގެ އިއްތިފާޤުން މިރޭވަނީ ފާސް ކޮށްފައެވެ.

ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ސިޔާސީ ފަރާތްތަކަށް އެކިގޮތް ގޮތުން ބިރު ދެއްކުން ޢާންމު ކަމަކަށް ވަމުން ދިއުމާއިއެކު ސީދާ ޙަރަކާތަށް ނުކުތުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި، އަދި ނުކުތުމަށް ވެސް ޖުމްހޫރީޕާޓީން ގޮވާލަމެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ގުޅިގެން ޖުމްހޫރީޕާޓީން ކުރަމުން ގެންދާ މަސައްކަތްތަކަށް މަޑު ޖެހުމެއް އަޔަ ނުދީ އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމު ޖުމްހޫރީޕާޓީން އާ ކުރަމެވެ.

6 އެޕްރީލް 2017

 

 
yesiten