Jumhooree party

ޖުމްހޫރީ ޕާޓީ

 

ޣައިރު ޤާނޫނީ ބަންދެއްގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް ގޮވާލުން

ނަންބަރު :   JP-NB/2017/04/006

ނޫސްބަޔާން

ޣައިރު ޤާނޫނީ  ބަންދެއްގައި  ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް  ވަގުތުން ދޫކޮށްލުމަށް ގޮވާލުން

 ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ  މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބުލް ޤާސިމް އިބްރާހިމް   ފުލުހުން ހައްޔަރުކޮށް، ކ.ދޫނިދޫ  ކުޑަގޮޅިއެއްގައި  މިހާރު ބަހައްޓާފައި ހުރީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރ 2013/5    ( ރައްޔިތުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫ  ) ގެ 13 ވަނަ  މާއްދާ ގެ  ( ހ ) އާއި ކަނޑައެޅިގެން ޚިލާފަށެވެ.

އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫގެ 13 ވަނަ މާއްދާގެ (ހ) ގައި ވަނީ “  ޖިނާއީ ކުށެއްް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަޙްޤީޤަށް ހައްޔަރުކުރަން  ބޭނުންވެއްޖެނަމަ އެކަން  ކުރަންވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ  ކޯޓް އަމުރަކަށެވެ. މިފަދަ އަމުރަކަށް އެކޯޓްގައި  އެދޭނީ އެ މައްސަލައެއް ތަޙުޤީޤުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށައެޅުމުން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ.” މިފަދައިން ނެވެ.

 އޮނަރަބުލް ޤާސިމް އިބްރާހިމް   ހައްޔަރު ކުރީ އެމަނިކުފާނު ގެކޮޅުގައި ނަމާދަށް ހުންނަވަނިކޮށެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށް،  ބަންދުކޮށް ހިފަހައްޓާފައިވަނީ  ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓްގައި އެދިގެން ހޯދާފައިވާ ކޯޓް އަމުރެއްގެ ބަދަލުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކްރިމިނަލް ކޯޓްގައި އެދިގެން ނެރެފައިވާ ކޯޓް އަމުރެއްގެ ދަށުންނެވެ.

މިފަދަ ޣައިރު ޤާނޫނީ ހައްޔަރެއްގައި  ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ  މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބުލް ޤާސިމް އިބްރާހިމް ބަންދުކޮށްފައިވުމުގެ ސަބބުން  އެމައްސަލަ ރައްޔިތުން މަޖިލީހުގެ  މެންބަރުންގެ އިމްތިޔާޒްތަކާއިބެހޭ ކޮމެޓިއަށް ހުށަހެޅުމުން، މިހާތަނަށް ވެސް  އެކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެމަށްސަލަ ބެއްލެވުމަށް މަޖްލީހުގެ ރައީސް މަސައްކަތް ކުރައްވާފައި ނުވަކަން ހިތާމަޔާއިއެކު ފާހަގަ ކުރަމެވެ.

މިކަންކަން މިހެން ހުރުމާއި އެކު، އޮނަރަބުލް ޤާސިމް އިބްރާހިމް  މިހާރު ހައްޔަރުކޮށް ދޫނިދޫ ގައި ބަހައްފައި ވަނީ  ޤާނޫނީ އިޖްރާތް ތަކާއި ޚިލާފަށެވެ. އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް ޢިބްރާހިމް   ބަހައްޓާފައިވާ ޣައިރު ޤާނޫނީ  ހައްޔަރުން  ހަމަ މިހާރު ވަގުތުން  ދޫކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް  މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި ދިވެހިރާއްޖޭގެ ކޯޓް ތަކަށާއި ދަޢުލަތުގެ ކަމާއި ބެހޭ އެންމެހާ ފަރާތް ތަކަށް މިޕާޓީން ގޮވާލަމެވެ.

 

 
yesiten