Jumhooree party

ޖުމްހޫރީ ޕާޓީ

 

ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ ނޫސް ބަޔާން: ޤާނޫނީ ހަމަތަކުގެ ބޭރުން އޮނަރަބްލް ޤާސިމް އިބްރާހީމް އަލުން ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ކަންކަން ފާލުން ނެއްޓިފައިވާކަމުގެ ހެއްކެއް

ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ ނޫސް ބަޔާން: ޤާނޫނީ ހަމަތަކުގެ ބޭރުން އޮނަރަބްލް ޤާސިމް އިބްރާހީމް އަލުން ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ކަންކަން ފާލުން ނެއްޓިފައިވާކަމުގެ ހެއްކެއް

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ޤާނޫނީ ހަމަތަކުގެ ބޭރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބް ޤާސިމް އިބްރާހީމް ހައްޔަރުކޮށް 15 ދުވަހަށް ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ގަދަބާރުން ވެރިކަން ކުރުމުގެ ޢަމަލުތައް އިތުރުވެ، ޤަނޫނުގެ ވެރިކަން ނަގާލައި، މުވައްސަސާތައް ހިޞާރުކުރުމާއެކު ސަރުކާރުން އިސްވެތިބެ އޮނަރަބްލް ޤާސިމް އިބްރާހީމް ހައްޔަރުކުރުން ފަދަ ފާލުން ނެއްޓިފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުން އަންނަކަމީ ކަންބޮޑުވާ ކަމެކެވެ.

އޮނަރަބްލް ޤާސިމް އިބްރާހީމްގެ މައްޗަށް ކުރާ ތުހުމަތުތަކުގައި މައްސަލަ ތަޙްޤީޤްކޮށް ނިންމައި މައްސަލައިގެ ޝަރީޢަތް ފަށައި، ދައުލަތުން އެދުނު ގޮތުގެ މަތީން ޤާސިމް ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ކުރުމުގެ އަމުރު ދީފައި ނުވާހިނދު، އަނެއްކާވެސް ހެކި ހޯދުމަށްކަމަށްބުނެ ފުރައްސާރަކުރުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގެއާއި އޮފީސް ފާސްކޮށް އަދި މޮބައިލް ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީގެ އިތުރުން ފުލުސް އޮފީހަށް އެމަނިކުފާނު ހާޒިރުކޮށް ސުވާލުކޮށްފައިވާކަން ފާހަގަކުރަމެވެ. މިއިން އެއްވެސް ފަހަރަކު އޮނަރަބްލް ޤާސިމް އިބްރާހީމްގެ މައްޗަށް ކުރެވޭ ތުހުމުތަތުތަކުގެ ހެކި ފެނިފައިނުވާހިނދު، ބުރާސްފަތި ދުވަހުގެރޭ އަލުން އެސްއޯ ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެޔަށް ވަދެ ހައްޔަރުކޮށްފައިވަނީ ޖިސްމާނީ ގޮތުން އަނިޔާ ކުރުމަށް ކަމުގައި ދެކެމެވެ.

ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ލީޑަރުންނަށް އެކި ގޮތްގޮތުން އަންނަނީ ފުރައްސާރަކުރުމާއި ބިރުދެއްކުންފަދަ ކަންކަން ކުރިމަތި ކުރުވަމުންނެވެ. މިގޮތުން ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަސާސީ ޤާވާއިދާ ޚިލާފަށް ޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި ޕީޕީއެމް ހިންގަމުން އަންނަނީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލުކޮށް ޤާނޫނާ ޚިލާފަށް އެ ވޯޓު ނެގިތާ މާ ގިނަ އިރެއް ނުވަނީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާކޮށް މިހާރު އެކި ފަހަރު މަތީން އެ މައްސަލަ ކޯޓުގައި ތާވަލްކޮށްފިއެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲގެ މައްޗަށް 2016 ވަނަ އަހަރު އިއްވާފައިވާ ޓެރަރިޒަމްގެ ކުށުގެ ޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މައްސަލަ ހުށަހަޅައި އެތައް މަސްތަކެއް ވޭތުވިފަހު މާޗް މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ރިޔާޒަށް ބިރުދެއްކުމުގެ ގޮތުންނާއި ސިޔާސީ ގޮތުން ފިއްތުމަށް ޖިނާޢީ ދައުވާ އުފުލައި އަވަސް އަރުވާލައިގެން މައްސަލައިގެ އަޑުއެހުން އޭޕްރީލް 20 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕީޕީއެމްއިން އިސްކޮށް މަސައްކަތްކުރައްވާ އެ ޕާޓީގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް މީގެ 10 އަހަރު ކުރިން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ވަނީ 21 އޭޕްރިލް ގައި ދައުވާ އުފުލާފައެވެ.

ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމް ނެތިކޮށްލުމަށް ސިޔާސީ ގޮތުން ވާދަވެރި ހުރިހާ ފަރާތެއް ޖަލަށްލައި، އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ކަންކަން އިސްލާޙްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަންނަކަމީ ކަންބޮޑުވާ ކަމެކެވެ. މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ތަކުރާރުވަމުން ދިއުމުން ޤައުމުގެ ހަމަޖެހުމަށް އެކަމުގެ އަސަރު ކުރާނެއެވެ. އަދި މުވައަސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ރައްޔިތުންނަށް ދެމެހެއްޓެނިވި ހަމަޖެހުން ހޯދައިދިނުމަށް ހުރަސްއެޅޭނެއެވެ. އެހެންކަމުން މިފަދަ ހައްދުން ނެއްޓިފައިވާ ކަންކަމަށް ވާގިވެރިނުވެ، ޤާނޫނީ ހަމަތަކުގެ ތެރެއިން ޤައުމު އިސްލާޙްކުރުމަށް ކުރެވޭ ކަންކަމަށް ހުރަސް ނޭޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަދީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލަމެވެ.

 

 

 
yesiten