Jumhooree party

ޖުމްހޫރީ ޕާޓީ

 

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާޞަބަތުގައި، ގުޅިފައިވާ ޕާޓީތަކުން ނެރޭ ބަޔާން.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާޞަބަތުގައި ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރި ކަމާއި، ތަޢުލީމާއި، ސިއްޙަތާއި، ވިޔަފާރިއާއި، އަދި މިނޫންވެސް ތަރައްޤީ ގެ މައިދާން ތަކުގައި މަސައްކަތް ކުރައްވާ ހީވާގި ދިވެހިންނާއި ދިވެހި ޢާއިލާ ތަކަށް ދުވަހުގެ ތަހްނިޔާއާއި، ހެޔޮއެދުންތަށް ފޮނުވަމެވެ.

މަސައްކަތްތެރިންގެ ދުވަހެއް ދުނިޔޭގައި މޭޑޭގެ ނަމުގައި ފާހަގަކުރަމުންދާއިރު، ދިވެހިންގެ ތެރެއިން ޝުކުރު ޙައްޤު ފަރާތްތަކެއް ތިބިކަން ހަނދާންކުރުމަކީ މިފަދަ މުނާޞަބަތެއްގައި ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. މިގޮތުން ދިވެހިރާއްޖޭގައި އެންމެފުރަތަމަ ވަޒީފާއާއި ބެހޭ ޤާނޫނެއް ފާސްކޮށް، ޢަމަލުކުރަން ފެށިފައިވަނީ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައެވެ. އަދި ދިވެހިރާއްޖެ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ މެންބަރަކަށް 2009 ވަނައަހަރު އެމް.ޑީ.ޕީ ގެ ސަރުކާރުން ބައިވެރިވުމަށް ނިންމަވާ، މަސައްކަތްތެރީންގެ ދުވަހެއް ރަސްމީކޮށް ފާހަގަކުރަން ރާއްޖޭގައި ފެށިފައިވެއެވެ. އަދި  2015 ވަނައަހަރުގެ މޭޑޭގެ މުޒާހަރާ އަކީ މުޅިރާއްޖޭގައި ވެސް މިހާތަނަށް ބޭއްވި އެންމެ ބިޔަ، ބޮޑު، މުޒާހަރާ ކަމަށްވެފައި، އެ މުޒާހަރާގައި ކުށެއްނެތް ދިވެހިންގެ އެތަކެއްބަޔަކު، ޒުވާނުންނާއި، ދޮށީއުމުރުގެ މީހުން، އަންހެނުންނާއި، ސިޔާސީ ލީޑަރުން ޖަލަށްލެވި، އަދި އެމީހުންގެ މައްޗަށް ނާއިންޞާފުން ސިޔާސީ ހުކުންތައް ކޮށް، މިއަދު އޭގެ ތެރެއިން ޢަދާލަތު ޕާޓީގެ ހިތްވަރުގަދަ، ނުގުޑާފަދަ ޢަޒުމެއްގައި ހުންނެވި އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، އަދި އަނިޔާ އާއި ބޭއިންޞާފްގެ ޝަރީއަތުން ސަލާމަތްވުމަށް ޤައުމު ދޫކުރައްވާ ވަޑައިގަންނަވަން މަޖުބޫރުވެ ޤައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ތިބި ދިވެހި އެތަކެއް ދަރީނެއްގެ ހިތްވަރާ ޢަޒުމްއާކޮށް އެފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

2017 ވަނައަހަރުގެ މޭޑޭ ދިވެހިންނާ ކުރިމަތިލާހިނދު، ރާއްޖޭގެ ޑިމޮކްރަސީ ގެނައުމަށާއި، އެންމެފަރުދަކު އެކަނި އެންމެ ގިނަ ވަޒީފާ ހޯދައިދީ އިޖްތިމާއީ އެންމެހައި ޙިދުމަތްތަކެއް ދެއްވަމުންގެންދާ އޮނަރަބުލް ޤާސިމް އިބްރާޙިމް ބޭއިންސާފުން ޖަލުގެ ކުޑަގޮޅީގައި އޮންނަން ޖެހުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމަކަށް ވެފައި، ދިވެހިން މިތިބެންޖެހުނީ އިހުނަށްވުރެ، އެތަށްގުނައެއް ފަހަތަށްޖެހި މަސައްކަތްތެރިންނާއި، ޚިދުމަތްތެރިންގެ ޙައްޤުތައް ގެއްލި ވަޒީފަގެ ކަސްތަޅުގައި މަޖުބޫރުން ކުރިމަތިކުރާ ސިޔާސީ ފިއްތުންތަކުގައި ފިތިފައެވެ.

ދިވެހި ޤައުމާއި ދިވެހިންގެ ޙައްޤުގައި މަސައްކަތްކުރުމުން މަސައްކަތްތެރިންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ގެއްލިފައިވާ އެންމެހާ ރައްޔިތުންނަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދެއްވާ އެންމެ އަގުބޮޑު ޔަޤީންކަމަކީ އެފަދަ ފަރާތްތަކުގެ ވަޒީފާ އަނބުރާ ދެއްވާނެކަމާއި، އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުން އަނބުރާ ރުޖޫޢު ކޮށްދޭނެ ކަމުގެ އުފާވެރި ޚަބަރެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވެ ވަޑައިގެންފައިވާ ވަޢުދުތައް މިއަދު ހަނދާންނެތި ފަނުފުލުން ދިއުމުން އެ ޤައުމެއްގެ ޙާލަތު ބަދަލުވާނީ ވެސް އެޙާލަތު ބަދަލު ކުރުމަށް ކެރިގެން ނިކުމެ ބަސްބުނެ، ކެރިގެން މަސައްކަތް ކޮށްގެން ކަމަށްވާއިރު،  މިއަދު ރާއްޖޭގައި ހިންގަމުން މިދާ އަނިޔާވެރި ވެރިކަމުގައި، ވަޒީފާގެ މަޖުބޫރު ކަމުގައި ދިވެހިންނަށް ލިބެމުންދާ ދެރައާއި ނިކަމެތިކަމުން ދިވެހިން ސަލާމަތް ކޮށްދިނުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

ވަޒީފާގެ މަޖުބޫރު ކަމަށްޓަކައި، ސަރުކާރާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ވަޒީފާގައި ތިބި ފަރާތްތަކަށް މަޖުބޫރުކޮށް، ވަޒީފާގައި ދެމިހުންނާން އެދޭނަމަ، ވަކި ޢަދަދަކަށް، ސަރުކާރު ނިސްބަތްވާ ޕާޓީއަށް އެ މުވައްޒަފަކާއި ޢާއިލާގެ މެންބަރުންގެ ފޯމް ފުރަންޖެހުމާއި، އެޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުމާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުން ގަދަކަމުންނެރެ، ސަރުކާރު ކޮޅަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކެމްޕެއިންތައް ހިންގުމާއި، ޢަމަލީގޮތުން ބައިވެރިވާން ކުރާމަޖުބޫރަށް، ނޫނެކޭ ބުނަން މިއަދު ދިވެހިން ކެރެން ޖެހިއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ހަނިކޮށް، ތަފާތު ގޮތްގޮތުން ޤާނޫނުތަކަށް ގެނެސްފައިވާ ނާތަޙުޒީބު ބަދަލުތަކުގެ ޝިކާރައަކަށް، ދިވެހިން ވާންޖެހުމީ މިއަދު ދިވެހި ޤައުމު އެކަމާ ނުހަނު ބޮޑަށް ނިކަމެތިވެ، ދިވެހިންގެ މައްޗަށް އަނިޔާވެރި ވެރިއެއްގެ އަނިޔާ ހައްދުން ނެއްޓި ދިއުމުގެ ފުރުޞަތު ދީގެން ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫނެވެ.

ދިވެހި ރައްޔިތުންގެ ލޯތްބާއި ތާޢީދު ލިބިފައިވާ ހަތަރު ލީޑަރުން ކަމުގައިވާ، ޕީޕީއެމް ގެ ރައީސް، ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް އާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބުލް ޤާސިމް އިބްރާޙިމް އާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅުގެ ސަބަބުން މި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ހެޔޮ ގޮތްތަކާއި، މިނިވަންކަން، އަދި ދިވެހިންގެ ގެއްލިފައިވާ ޙައްޤުތަށް ހޯދައި ދިނުމުގައި ފަސްނުޖެހި މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށާއި، ޚާއްސަކޮށް ދިވެހި އެންމެހައި މަސައްކަތްތެރިންނަށް ދަންނަވަމެވެ.

                           01 މޭއި 2017

 

 
yesiten