Jumhooree party

ޖުމްހޫރީ ޕާޓީ

 

ލޯކަލް ކައުންސިލް އިންތިޚާބު 2017 ގެ ވޯޓުގައި ގުޅިފައިވާ ޕާޓީތަކަށް، ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ތާޢީދާއެކު، ސަރުކާރުން ކަންކަން ހަމަމަގަށް އެޅުވުމަށް ގޮވާލުން.

ނަންބަރު: JP-NB/2017/05/013

ނޫސްބަޔާން

 

ލޯކަލް ކައުންސިލް އިންތިޚާބު 2017 ގެ ވޯޓުގައި ގުޅިފައިވާ ޕާޓީތަކަށް، ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ތާޢީދާއެކު، ސަރުކާރުން ކަންކަން ހަމަމަގަށް އެޅުވުމަށް ގޮވާލުން.

 

ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ބަސް ވަރަށް ފުރިހަމައަށް، ރައީސް ޔާމީނަށާއި، ސަރުކާރަށް ބުނެ، ރައްޔިތުންގެ ނިންމުން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް، އިންތިޚާބުގެ ބޮޑު ކާމިޔާބީއެއް، ހޯއްދަވާދެއްވި ކަމަށްޓަކައި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަމެވެ.

ސަރުކާރުން ރައީސް ޔާމީން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަމުންގޮސް، ރައްޔިތުންގެ އަސާސީ ހައްޤުތަކާއި، މިނިވަންކަން ހަނިކޮށް، އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށް، ރައްޔިތުންނަށް ލިބިފައިވާ ޤާނޫނީ، މަދަނީ އަދި އަސާސީ ހައްޤުތައް ގެއްލިދާގޮތަށް، ސަރުކާރުން ޢަމަލުކުރަމުންދާ ދިއުން ވަގުތުން ވަގުތަށް، ހުއްޓާލާ ޤާނޫނީ އިމުގެތެރެއަށް ރުޖޫޢުވުމަށް ގޮވާލަމެވެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެދެނީ ކޮންގޮތެއްކަން މިއަދު މިވަނީ ސަރުކާރަށާއި، ރައީސް ޔާމީނަށް ފަހުމްވާ މިންވަރަށް ރައްޔިތުންގެ ބަސްބުނެ، ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާޞަތުތަކަށް ނޫނެކޭ ބުނެފައެވެ. އަދި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ސަރުކާރުން ޢަމަލުކޮށް، ރައީސް ޔާމީންގެ ގޮތްދޫނުކުރުމާއި، ހަރުކަށިކަން ދޫކޮށް، ދިވެހި ޤައުމާއި ރައްޔިތުންނަށް، އެންމެ ފައިދާ ކުރަނިވިމަގަށް، ކަންކަންކުރުމަށް، މިއަދު ދިވެހިރައްޔިތުން އެ ވަނީ ގޮތް ނިންމާފައެވެ.

ދިވެހި ލޮބުވެތި ރައްޔިތުންގެ ތާޢީދާއި ލޯބި ލިބިފައިވާ ލީޑަރުން ހައްޔަރުކޮށް، ސަރުކާރުން ބޭނުންވާހާ ގޮތަަކަށް، ކަންކަން މުއައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ކުރަމުންގޮސް އެމްޑީޕީގެ ރައީސް ، ރައީސް މުހައްމަދު ނަޞީދު އާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް ޖަލަށްލައި، ޕީޕީ އެމްގެ ރައީސް، ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އަށް ތަފާތު ދުއްތުރާތަކާއި، ފުރައްސާރަތައް ކުރުން ހުއްޓާލުމަށާއި، އިންޞާފުވެރިކަމެއްނެތް ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރެޓެއަރޑް މުހައްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ އަހްމަދު މަހްލޫފާއި، އަދި އަނިޔާވެރިކަމާއި، އިންޞާފުން އެއްކިބާވެ، މިނިވަންކަމެއް ނެތުމުގެ ސަބަބުން އަމިއްލަ ޤައުމު ދޫކުރައްވާ ބޭރު ޤައުމުތަކަށް އަމިއްލަޔަށް އަރުވާލެވިގެން ތިބި ސިޔާސީ ފަރާތްތަކާއި،އަދި އެކިއެކި ބަހަނާތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމެވެ.

                         07 މޭއި 2017

 

 
yesiten