Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމްގެ ސިއްޚީ ހާލު ކޮޅަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުރަސް އެޅުން ކުއްވެރި ކުރުން.

ނަންބަރު:JP-NB/2017/08/020

ނޫސްބަޔާން

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމްގެ ސިއްޚީ ހާލު ކޮޅަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުރަސް އެޅުން ކުއްވެރި ކުރުން.

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ އިޢްޒަތްތެރި މެންބަރ އޮނަރަބުލް ޤާސިމް އިބްރާހިމްގެ ސިއްޙީ ހާލުކޮޅު ދަށަށްދިއުމާއި، ރާއްޖެއިން ކުރެވެން ނެތް ހިތުގެ ސާޖަރީއެއް ހެއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވިނަމަވެސް، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، ދަތުރުކުރުމުގެ ފުރުޞަތު ނުދީ އެމަނިކުފާނުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާތީވެ، އެކަމާ ނުހަނު ކަންބޮޑުވަމެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްޤު ކަށަވަރުވެގެންދަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވެ އެ ހައްގު ނެގެހެއްޓުމަށް ފުރުޞަތުއޮތުމުން ކަމަށްވެފައި،  އާލާސްކަންފުޅެއް ކުރިމަތިވެއްޖެނަމަ، ބޭސްފަރުވާ ނުކުރެވޭނޭ މަގަށް ކަންކަން އިންތިޒާމު ކޮށްފައިވާނަމަ، އެމީހެއްގެ އަމިއްލަ ޒާތުގައި އަދި އެމީހެއްގެ އެއްވެސް ބާރެއްނުހިގާ ހާލަތެއްގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފުރި އޮންނަން ޖެހުމަކީ ދިރިހުރުމުގެ ހައްގަށް އުނިކަންލިބޭ އަދި ވަރަށް ބޮޑު ލާއިންޞާނީ އަނިޔާއެއް ކަމަށް މި ޕާޓީއިން ދެކެމެވެ.

ދިވެހި ޤައުމު އަދި ދިވެހި ރައްޔިތުންނަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާ އަދި ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނުގެ ދީލަތިކަމާއެކު، ބޭސްފަރުވާއާއި އިޖްތިމާއީ އެތަކެއް ދާއިރާތަކުން އެހީތެރިވެދެއްވައި އަދި މިހާރުވެސް އެހީތެރިވެ ދެއްވަމުން ގެންދަވާ ދިވެހިން ލޯބިވާ ދިވެހި ދަރިޔަކު މިފަދަ ޙާލަތެއްގައި ބޭސް ފަރުވާއިން މަހުރޫމްވެ އޮންނަން ޖެހުމަކަށް އެއްވެސް ދިވެއްސަކު ނޭދޭނެކަމީ މިއަދު ދިވެހި ޤައުމު އެކަމަށް ހެކިވާނެކަމެއް ކަމުގައި ދެކެމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދަތުރުފަތުރުކުރުމުގެ މިނިވަންކަން ލިބިގެންވާ ފަދައިން، އޮނަރަބުލް ޤާސިމް އިބްރާހިމް އަށްވެސް އެމިނިވަންކަން ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރު ވާންޖެހޭނެ ކަމަށް ދެކެމެވެ.

އަދި އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއްނެތް މީހެއްކަން ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ އިރު، އޮނަރަބުލް ޤާސިމް އިބްރާހިމްގެ މައްޗަށް އެފަދަ އެއްވެސް ކުށެއް ސާބިތުވެފައި ނުވުމާއެކު އެމަނިކުފާނަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފުރޭނޭގޮތް ހަމަޖެހެން ޖެހޭނެކަމަށް މިޕާޓީން ދެކެމެވެ.

އެހެންކަމުން ދިވެހި ދަޢުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުން ޤާނޫނު އަސާސީއަށާއި، ދިވެހި ރައްޔިތުންގެ އަސާސީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެ ހައްޤުތައް މަޙުރޫމް ވެގެންދާނޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށާ، އޮނަރަބުލް ޤާސިމް އިބްރާހިމްގެ އާލާސްކަންފުޅަށް ބޭސް ފަރުވާކުރެއްވުމަށް ރާއްޖެއިން ބޭރަށް ފުރޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ދިވެހި ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާ ތަކަށް މިޕާޓީން އިލްތިމާސް ކުރަމެވެ.

           6 އޯގަސްޓް 2017

 

 
yesiten