Jumhooree party

ޖުމްހޫރީ ޕާޓީ

 

ޤާނޫނުއަސާސީ ދުވަހުގެ މުނާސަބާތުގައި ނެރޭ ނޫސް ބަޔާން

ނަންބަރު:JP-NB/2017/08/021

ނޫސްބަޔާން

 

ދިވެހިރާއްޖޭގައި ޤާނޫނުއަސާސީ ދުވަހެއް ފާހަގަ ކުރަމުން ދާއިރު ދިވެހިންނަށް ޒަމާނީ ޤާނޫނުއަސާސީ އެއް ހޯދައި ދިނުމުގެ އެންމެ ބޮޑު މޭސްތިރި ކަމުގައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އޮނަރަބުލް ގާސިމް އިބްރާޙިމް އަށް އެ ޤާނޫނުއަސާސީން ލިބިދީފައިވާ ދިރި ހުރުމުގެ ހައްގާއި، ދަތުރު ފަތުރު ކުރުމުގެ ހައްގުން އެމަނިކުފާނު މަޙުރޫމްކުރެވި، ތިންބާރުގެ މައްޗަށް ބާރާ ނުފޫޒު ފޯރުވަމުންދާ ސަރުކާރެއްގެ އަނިޔާވެރި ވަކިތަކުގައި ތަޅުއެޅުވިފައިވާ ހާލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ މިއަދު މިވަނީ ދިވެހިން ނަގަހައްޓަން ޖެހިފައެވެ.

07 އޮގަސްޓް 2008 ގައި ތަސްދީޤް ކުޅަ ޤާނޫނުއަސާސީން ދިވެހިންނަށް ކަށަވަރު ކޮށްދިން އެންމެހާ ހައްގުތައް ހަނިކޮށް މިނިވަންކަން ހަނިކޮށް، ދައުލަތް ހިންގުން ޤާނޫނުއަސާސީ އާއި އެއްގޮތަށް ކުރަން ނަމަވެސް އެއާ ދިމާ އިދި ކޮޅަށް ކަންކަން ކުރަމުން ގޮސް ޤާނޫނުއަސާސީގެ ބާރު ކެނޑި ދާހިސާބަށް ދިވެހި ޤައުމުގެ ހާލަތު ދިޔަކަމީ ޤައުމުގެ ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކުމެ، ކަރުނަ އެޅަމުންދާ ހާލަތެއްގައި ކަން ޔަގީނެވެ.

ދިވެހިންނަށް ޒަމާނީ ޑިމޮކްރަސީ އެއް ގެނެސް ދިން ނަމަވެސް ފާއިތުވެ ދިޔަ އަހަރު ތަކުގައި ދިވެހި ދަޢުލަތުންނާއި ހާއްޞަކޮށް ދިވެހި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާގެ ޢަމަލުތައް ބަހައްޓަމުން ގެންދެވި ގޮތްތަކުގެ ސަބަބުން، ޤާނޫނުއަސާސީން ދިވެހިންނަށް ލިބެންޖެހޭ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ނުދިއުމަކީ ދިވެހިންނަށް ކުރިމަތިވެފައިވާ ވަރަށް ނިކަމެތި ކަމެއްކަމުގައި ދެކެމެވެ.

ޤާނޫނުއަސާސީ ނަގަހައްޓާ ދިފާޢު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޤާނޫނީ އަދި ފަރުދީ ވާޖިބެއް ކަމަށް ވީ ހިނދު، މިއަދު މިވަނީ ކޮންމެ ދިވެހި ރައްޔިތަކުމެ އެމީހަކަށް ކުރެވުނު މަސައްކަތެއްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިވެހިން ދިފާޢު ކުރުމަށް ޖެހިފައެވެ.

ޤައުމުގެ ކަންކަން އެންމެ ހޮޔޮ މަގުގައި ކުރިއަށް ގެންދެވޭނީ ޤާނޫނުއަސާސީ އަށް ހުރުމަތް ތެރިކޮށްހިތާ  އިޚްލާސްތެރި އަމާނާތްތެރިކަން  ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރުމުންކަމަށްވެފައި، މިއަދު ދިވެހި ޤައުމުގެ ދުލުން ގޮވަމުން ދަނީ އަނިޔާވެރި ނުވުމަށާއި، ދިވެހިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށާއި، މިނިވަންކަން ޔަޤީންކޮށް ދިނުމަށް ކަމަށް ވާއިރު، ދިވެހިން އެދޭފަދަ ޚިދުމަތެއް ދިވެހި ޤައުމަށް ކޮށްދޭނެ ދިވެހި ދަރިއަކަށް ޤައުމު މިވަނީ ނުހަނު ބޭނުންވެފައެވެ.

މިއަދު ދިވެހިން ބޭނުންވަނީ ކަސްތަޅު އެޅުވިފައިވާ ޑިމޮކްރަސީ އަކުން މިނިވަންވެ ދިވެހިންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް ދެވޭނެ ފަދަ ވެރިއެއްގެ ޒަޢާމަތުގައި ދިވެހިރާއްޖެ އަށް އުފާފާގަތިކަމާއި، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް  މަސައްކަތް ކޮށްދިނުމަށްކަން ޔަޤީނެވެ.

މާތް ﷲ މިދިވެހި ޤައުމު މިނިވަންކަން މަތީ އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ. އާމީން

           7 އޯގަސްޓް 2017

 

 
yesiten