Jumhooree party

ޖުމްހޫރީ ޕާޓީ

 

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ފޮހެލާ ނެތިކޮށްލަންޖެހޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ބުނި ބުނުން ކުއްވެރިކުރުން

ޖުމްހޫރީ ޕާޓީ

މ. ކުނޫޒު، މާލެ،

                                                      ނަންބަރު: JP-NB/2017/10/023

ނޫސްބަޔާން

  10 އޮކްޓޯބަރ 2017 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢިލް ގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ފޮހެލާ ނެތިކޮށްލަންޖެހޭ ބައެއް ކަމަށްބުނި ބުނުމަކީ ބިރުވެރި އިންޒާރެއްގެ ގޮތުގައި މިޕާޓީއިން ދެކޭހިނދު، މުޙައްމަދު އިސްމާޢީލުގެ މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

  ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން، މަޖިލީހުގެ ޖަލްސާއެއްގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ހިތްވަރުލިބޭގޮތަށް، ދިވެހި ރައްޔިތުންނާމެދު ޢަމަލު ކުރަން ގޮވާލި ގޮވާލުމަކީ ރައްޔިތުންގެ މަންދޫބެއްގެ ފަރާތުން ފެނިގެންވާނެ، އަދި ބަލައިގަނެވޭނެ ޢަމަލެއްނޫނެވެ.

 މަޖިލީހުގެ ޖަލްސާ ތަކަކީ ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކޮށް ދިވެހިރައްޔިތުން ވަގުތުން ބަލަމުންދާ ޖަލަސާތަކަކަށްވެފައި، އެރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބަކު ފާޅުކަންބޮޑުގޮތެއްގައި ގޮވާލި މިނޭއްގާނީ ގޮވާލުމަކީ އަނިޔާވެރިކަމަށް ހިތްވަރުލިބިދޭ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށް ވީހިނދު، މި ފަދަ ނޭއްގާނީ އަނިޔާއިން ދިވެހިރައްޔިތުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ސަލާމަތީ ޚިދުމަތްތަކުން ކުރައްވަން ޖެހޭނެ ކަމެއްކަމުގައި މިޕާޓީން ދެކެމެވެ. އަދި މިފަދަ ނާތަހުޒީބު ޢަމަލުތައް އިޞްލާޙު ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށާއި ދަޢުލަތުގެ ކަމާބެހޭ މުއައްޞަސާތަކަށް މި ޕާޓީން އިލްތިމާސް ކުރަމެވެ.

12 އޮކްޓޯބަރ 2017

 

 
yesiten