Jumhooree party

ޖުމްހޫރީ ޕާޓީ

 

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ނެރޭ ނޫސްބަޔާން

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ނެރޭ ނޫސްބަޔާން

25 އޯގަސްޓް 2017 ވަނަ ދުވަހު، އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 627/Cr-c/2017 ޤަޟިއްޔާއިން 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް   އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއިރުވެސް، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށާއި އެމަނިކުފާނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމަށް މާލޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް އާއި އޭ.ޑީ.ކޭ. ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ ސްޕްޝަލިސްޓް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، 6 ސެޕްޓެމްބަރު 2017 ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެމަނިކުފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށްފަހު، ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 627/Cr-c/2017 ޤަޟިއްޔާއިން ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާ ގޮތާވެސް ޚިލާފަށް، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަކުރާރުކޮށް ޢަމަލުކުރަމުން ގެންދާ މައްސަލައަށް މިއަދާހަމައަށްވެސް ވަނީ ޙައްލެއްނުލިބިއެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް އެސަރވިސްގެ ފަރާތުން އެންމެފަހުން އައު ކޮށްދީފައިވަނީ  2 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިޔުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެޤަޢުމުގެ ސަރުކާރުން ދިން ސްޕެޝަލް ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތައްތައް ޒަމާނުއްސުރެ ކުރިއަށް ގެންދަވަމުން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. އަދި ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުވިލާތުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަވަމުން ދަނީ ޖަރުމަނުވިލާތުގައެވެ. އޮނަރަބަލް ޤާސިމް އިބްރާހީމް ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވީ އެޤަޢުމުގެ ސަރުކާރުން ބޭސްފަރުވާކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އެމަނިކުފާނަށް ދެއްވި ޚާއްސަ ހުއްދައެއްގެ ދަށުންކަން ދިވެހިރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އެދެނީ އޮނަރަބަލް ޤާސިމް އިބްރާހީމަށް އަވަސް ޝިފާއަކަށެވެ. ކަސިޔާރުވެފައިވާ ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތައް އިންސާނިއްޔަތުކަމުގެ ހަމަތަކާއި ތަހުޒީބީ މުޖުތަމަޢު ޤަބޫލުކުރާ އުޞޫލުތަކުގެ މައްޗަށް އަވަސް ފުރުސަތެއްގައި ރުޖޫޢަވެދިއުމަށެވެ.

_________________________

28 ނޮވެމްބަރު 2017

 

 
yesiten