Jumhooree party

ޖުމްހޫރީ ޕާޓީ

 

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓް އާ ބެހޭގޮތުން ނެރޭ ނޫސްބަޔާން

ޖުމްހޫރީ ޕާޓީ

މ.ކުނޫޒު / ކ.މާލެ

                                                      ނަންބަރު:JP-NB/2017/12/026

ނޫސްބަޔާން

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓް އާ ބެހޭ

 

29 ނޮވެމްބަރ 2017 ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ރައްޔިތުންގެ މަޖްލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑއަޅައި އެމެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމަށް ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރެއްގެ މައްޗަށް ޢަދުލު އިންސާފުގެ ހަމަތަކުގެ ބޭރުން ހިންގާފައިވާ ޢިޖުރާއަތުތަކެއްގެ ދަށުން ޖަލުގައި ބަންދުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގެ ހައްޤު ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ހަޤީޤީ އަޣްލަބިއްޔަތުގެ ނިންމުމަށް ވާސިލް ނުވެވޭނެފަދަ ޙާލަތެއް ކުރިމަތިކުރުވުމަށްފަހު،ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމެއްނެތިކަމުގައި ޖުމްހޫރީ ޕާޓީއިން ދެކެމެވެ. މިގޮތުން އެޖަލްސާ ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަށީގެންވާ ނޯޓިސް އެއް ނުދެއްވައި، ރައްޔިތުންގެ މުޅި މަޖްލީހުގެ އަޣްލަބިއްޔަތަށްވުރެވެސް ބޮޑު އަދަދެއްކަމަށްވާ 45 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަަމަށް ހުށަހަޅުމުން ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ މަޤާމުގެ ހައިިސިއްޔަތާއި މެދު ޤާނޫނީ ގޮތުން ސުވާލުއުފެދިފައިވާ ހާލަތެއްގައި ޤާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ކަމަށްވާއިރު އެ ޖަލްސާ އަށް ސަރުކާރުން ހުށަހެޅި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓަކީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްވާފަދަ ކަންކަން ހިމެނޭ އެގްރިމެންޓެއްކަމަށްވާއިރު ޤާނޫނޫ އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން މިފަދަ ކަމެއްގައި ވޯޓަށް އަހަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން (މަދުވެގެން 43) އެޖަލްސާއެއްގައި ހާޒިރުވެތިބި ވަގުތެއްގައިކަމަށް ބަޔާންކޮށްފައިވަނިކޮށް މިއެގްރިމެންޓަށް ވޯޓަށް އަހާފައިވަނީ ޤާނޫނު އަސާސީގެ 86 ވަނަ މާއްދާއާއި ޚިލާފަށް 31 މެންބަރުން ހާޒިރުވެ ތިބި ޖަލްސާއެއްގައި ކަމާއި ވޯޓުގައި ބައިވެރވީ 30 މެންބަރުންކަމުގައި ވުމުން މި އެގްރިމެންޓަށް ވޯޓަށް އެހި ޖަލްސާއާއި އެޖަލްސާގައި މި އެގްރިމެންޓަށް ރުހުން ދިނުމަށް ހުށަހަޅައި ފާސްކުރިކުރުމަކީ ބާތިލް، އެމައްޗަށް ޢަމަލުކުރުން ހުއްދަވެގެން ނުވާ ނިންމުމެއްކަމަށް ޖުމްހޫރީ ޕާޓީއިން ދެކެމެވެ.

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެފަދަ ކަންކަމުގައި ޢަމަލުކުރަމުންދާ ޢާންމު އުޞޫލުތަކާއި މުޅީން ޚިލާފަށް އެ ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވަން ދެތިން މިނެޓް ތެރޭގައި ފާސްކޮށްފައިވަނީ މެންބަރުންނަށް އެބިލާމެދު ބަހުސް ކުރުމަށް އެކަށީގެންވާ ފުރުޞަތެއް ނުދީ ކަމަށްވެފައި، އަދި އެ ހިނދުން އެ ހިނދަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، ހަޤީޤީ މާނައިގައި އެއެގްރީމެންޓް ދިރާސާކުރުމެއްނެތި،ގާތްގަޑަކަށް 1000 ޞަފްޙާ ގެ އެގްރިމެންޓަށް ރުހުން ދޭން ފެންނަ ކަމަށް ދިހަ ވަރަކަށް މިނެޓް ތެރޭގައި ނިންމާ، ހަމަ އެ ރޭ އަނެއްކާވެސް މަޖިލީހުގެ ޖަލްސާ އެއް ބާއްވާ، އެގްރިމެންޓަށް ރުހުން ދިން ކަމީ ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހަކުން ކުރާ ޒާތުގެ ކަމެއް ނޫންކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޣައިރު ޤާނޫނީ ޖަލްސާ އަކުން ކުރި މި އިޚުލާޞްތެރި ކަމެއް ނެތް ޢަމަލު ޖުމްޙޫރީ ޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.

 ގާނޫނު އަސާސީ ގެ 93 ވަނަ މާއްދާ ގެ (ހ) ގައި ބަޔާން ކޮށްފައިވަނީ ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސް ކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެ މަތިން ކަމުގައެވެ. މިހެން މިކަން އޮތް އިރު، ޙަވާލާދީފައިވާ އެގްރިމެންޓް މަޖިލީހުގެ ބައެއް މެންބަރުންނަށް ފެނިފައިވެސް ނެތް ހިނދު، އެއަށް މަޖިލީހުން ރުހުން ދިނުމަކީ ޤާނޫނުއަސާސީ ގެ 75 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މަސައްކަތުގައި ރިޢާޔަތްކުރަންވީ ކަންކަމާއި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޚިލާފަށް ކުރައްވާފައިވާ ކަމެއް ކަމުގައި ދެކެމެވެ. އަދި ކަނޑައެޅިގެން ގާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދާ ވެސް  ޚިލާފު ކަމެކެވެ. ޤާނޫނުއަސާސީ އާއި ޤާނޫނީ އިޖުރާތުތަކާ ޚިލާފަށް މިހާ އަވަސް ކޮށްލައިގެން، ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓަށް، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިފަރާތަކަށް ފައިދާ ކުރަނިވި ގޮތަކަށް މި ކުޅަ ޢަމަލަކީ ޗައިނާ ސަރުކާރަށްވެސް މިކަން ހިނގާދިޔަގޮތުގެ ހަޤީޤަތް އޮޅުވާލައިގެން ކޮށްފައިވާކަމެއްކަމަށް ބެލުމުގެ ފުރުސަތު އޮތުމާއި، މިއެގްރީމެންޓްގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިދާނެ ގެއްލުމާއި ފައިދާގެ މަޢުލޫމާތު ދިވެހި ސަރުކާރުން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޙިއްސާކޮށްފައިނުވާތީ، މިކަމުގައި ފޮރުވިފައިވާ ކިތަންމެ ސިއްރެއް ހުންނާނެކަމަށް ޖުމްހޫރީ ޕާޓީއިން ދެކެމެވެ.

މި ބާވަތުގެ ޤައުމީ މައްސަލަ ތަކަކީ ވަރަށް ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކޮށްގެން ކުރާ ބާވަތުގެ މައްސަލަ ތަކެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލާ ގައި އަމިއްލަ ފަރާތްތަކާ މަޝްވަރާ ކުރި ކަމުގައި ބަޔާން ކޮށްފާ އޮތް ނަމަވެސް، އެލިސްޓަށް ބަލައިލާއިރު މަޝްވަރާ އެއް ކުރި ނަމަވެސް ކޮށްފައިވަނީ ވަރަށް ހަނި ދާއިރާއެއްގައި ކަމާއި އަދި މި އެގްރީމެންޓަށް ރުހުން ހޯދުމުގެ މުޅި ޕްރޮސެސް ރައްޔިތުންގެ މަޖްލީހުގައި ހިނގާދިޔަ އިރުވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް މި އެގްރިމެންޓް ދައްކާފައިނުވާކަން ފާހަގަ ކުރަމެވެ. މި އެގްރިމެންޓަކީ މީގެ ސަބަބުން ރާއްޖޭގެ ކުދި، މެދުމިނުގެ، އަދި ބޮޑެތި ވިޔަފާރި ތަކަށް އޭގެ ނޭދެވޭ އަސަރު ސީދާ ކުރާނެ ފަސްދޮޅަސް އެތައް ދާއިރާ އެއް ހިމެނިފައިވާ މިއެގްރިމެންޓްގެ ދަށުން ކުރާ އިންވެސްޓްމެންޓްތަކަށް ލިބިދޭ ފުރުސަތުތަކާއި ހައްޤުތަކާއި ރައްކާތެރިކަމުގައި ދެގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ހުރިހާ މާނައެއްގައިވެސް ހަމަހަމަކަމާއެކު އެއްމިންގަޑަކުން ޢަމަލުކުރުން ލާޒިމްކުރާ އެގްރިމެންޓެކެވެ. އެހެންކަމުން މި އެގްރިމެންޓް ގެ ސަބަބުން މި ދާއިރާ ތަކުން ވިޔަފާރި ކުރާ ރާއްޖޭގެ ކުދި އަދި މެދުމިނުގެ ވިޔަފާރިތައް ހަލާކުވެގެން ގޮސް، ރާއްޖޭގެ އިގުތިޞާދު ހަމަ އެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލް ގެ ދަށަށް ހިގައިދާނެތީވެ، އެކަމާ ޖުމްހޫރީ ޕާޓީ އިން ނުހަނު ކަންބޮޑުވަމެވެ. އެހެންކަމުން ރައްޔިތުންނާ ސީދާ ގުޅުންހުރި ހައްޞާސީ މި ކަހަލަ ކަންކަން ސަރުކާރުން ކުރުމުގެ ކުރިން މާ ފުޅާ ކޮށް ރާއްޖޭގެ ވިޔާފާރިވެރިންނާއި، ސިޔާސީ ޕާޓީ ތަކާއި، މި ނޫންވެސް މުއައްޞަސާތަކާއި، އަމިއްލަ ފަރުދުންނާ އެކު މަޝްވަރާ ކުރަން ޖެހޭނެކަމަށް މި ޕާޓީން ޤަބޫލުކުރާހިނދު،

 މި އެގްރިމެންޓަށް ޢަމަލު ކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ތަރުތީބުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްނުދޭ މިފަދަ އެގްރީމެންޓެއްގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިނުކުރުމަށް ދަޢުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގޮވާލުމާއެކު ރައްޔިތުންގެ މަޖިލީހުގެ ސައްޙަ ޖަލްސާއަކުން ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށްފަހު މެނުވީ މި އެގްރިމެންޓްގައި ސޮއިކުރުމާއި އެގްރިމެންޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްވެސްކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް އިލްތިމާސްކުރަމެވެ.

                     03 ޑިސެމްބަރ 2017

 

 
yesiten