Jumhooree party

ޖުމްހޫރީ ޕާޓީ

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރުން ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމާއި ގުޅިގެން އެ ފަރާތްތައް މިނިވަންކުރުމަށް ގޮވާލުން

ޖުމްހޫރީ ޕާޓީ

މާލެ،

                                      ނަންބަރު:JP-NB/2018/02/003

 

                           ނޫސްބަޔާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރުން ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމާއި ގުޅިގެން އެ ފަރާތްތައް މިނިވަންކުރުމަށް ގޮވާލުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ މިނިވަން ޖުޑިޝަރީއެއްގެ ހިންގުން ހުއްޓުވާލައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ މަސައްކަތްތައް ހުއްޓިދާ ގޮތަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ހިންގަމުންދާ ކަންތައްތަކާއި މިނިވަންކަމާއެކު ހިންގާފައިވާ ތަހުގީގުތަކަކަށް ނުވާތީ 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި އެފަދަ ފަރާތްތަކާއި އަދި އެފަދަ މައްސަލަތައް ބާތިލުކޮށް އެފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައިވަނިކޮށް އެ އަމުރު ތަންފީޒުނުކޮށް، ޤާނޫނުއަސާސީއާ ޚިލާފަށް ކުއްލި ޙާލަތު އިޢުލާނުކޮށް އެ ޙާލަތުގެ ނާޖައިޒު ފައިދާ ނަންގަވައިގެން ކަމުގައި ދެކެމެވެ.

ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ޙަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމަށް ޢަމަލު ނުކޮށް ސަރުކާރުން ފަނޑިޔާރުންނާމެދު ބިރުވެރިކަން އުފައްދައި ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ އެ ފަނޑިޔާރުންނަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަންވެސް ލިބިނުދީކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ އެ ކޯޓު ހިންގުމުގައި ފަނޑިޔާރުންގެ މަޝްވަރާގެ މަތިން އެކުލަވާލެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުއްތަމަ ފަނޑިޔާރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގަންޖެހޭ ކޯޓެއް ކަމަށްވެފައި، ނަމަވެސް ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ކުރައްވައިގެން އެ ކޯޓު ހިންގުން ކުރިޔަށް ގެންދިއުމަށް ބާރުއަޅައި ސަރުކާރުން ކުރަމުންދާ ކަންކަމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާވެސް ޚިލާފަށް ކުރައްވަމުން ގެންދާ ކަމެއްކަމުގައި މި ޕާޓީން ދެކެމެވެ.

ސަރުކާރުން ރައީސް ޔާމީން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވައިގެން ފަނޑިޔާރުންނަށާއި ޖުޑިޝަރީއަށް އަދި ޙާއްސަކޮށް އަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ކޯޓު ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވައި އެ ކޯޓުގެ ނިންމުންތައް ރައީސް ޔާމީން ބޭނުންވާ ގޮތްތަކަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް އެކަން އެގޮތަށް ނުކޮށްދިނުމުން ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މިނިވަންކަމާއި މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި ކޯޓުތަކުގެ ހިންގުމަށް ހުރަސް އެޅުމަކީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުންކަމުގައި މި ޕާޓީން ދެކެމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްގެން ގެންގުޅެމުން ދާއިރު ޤާނޫނު އަސާސީއާއި ޤާނޫނުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް އެ ފަނޑިޔާރުންނަށް ނުލިބި އަދި ޤާނޫނީ ވަކީލެއްގެ އެހީތެރިކަންވެސް ނުލިބި ފަނޑިޔާރުން ޣައިރުޤާނޫނީ ހައްޔަރެއްގައި ސަރުކާރުން ގެންގުޅެމުންދާ ގެންގުޅުން ނިމުމަކަށް ގެނެސް މިހިނދުން މިހިނދަށް ފަނޑިޔާރުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަމެވެ.

            06 ފެބްރުއަރީ 2018

 

 
yesiten