Jumhooree party

ޖުމްހޫރީ ޕާޓީ

 

ފެބްރުއަރީ1ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގެ ބައެއް ބައިތައް ބާތިލްކުރުމަށް 6 ފެބްރުއަރީގައި ނެރެފައިވާ ހުކުމާ ގުޅޭގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ނޫސްބަޔާނ

1ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގެ ބައެއް ބައިތައް ބާތިލްކުރުމަށް 6 ފެބްރުއަރީގައި ނެރެފައިވާ ހުކުމާ ގުޅޭގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ނޫސްބަޔާން

1 ފެބްރުއަރީ 2018 ވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުވުމާއެކު ނެރެފައިވާ ގަޒިއްޔާ ނަންބަރު SC-SJ/01/2018 އަމުރުގެ ހުކުމް، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ހަމީދު 5 ފެބްރުއަރީގެ ދަންގަޑިއެއްގައި ސަލާމަތީ ބާރުތަކުން ސުޕްރީމްކޯޓުގައި ހިސޯރުކުރުމަށްފަހު، އެއަށްފަހު ހައްޔަރުކޮށް އެކަހެރިކުރުމަށްފަހު، ހައްޔަރު ކުރެވުނު 2 ފަނޑިޔާރުން މަޤާމުގައި ތިއްބަވަނިކޮށްް ބާކީ ތިއްބެވި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ސޮއިއާއެކު، 1 ފެބްރުއަރީގައި ނެރެފައިވާ ހުކުމުގެ ބައެއް ބައިތައް ބާތިލްކޮށް 6 ފެބްރުއަރީގައި ނެރެފައިވާ ގަޒިއްޔާ ނަންބަރު SC-SJ/03/2018 އަމުރުގެ ހުކުމަކީ ސަރުކާރުން ސިޔާސީ މަގްސަދުތަކެެއް ހާސިލް ކުރުމުގެ ބޭނުމުގައި، ސަރުކާރުން ބިރުދައްކާ ނުފޫޒުފޯރުވައިގެން ނެރެފައިވާ ހުކުމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރަމެވެ.

6 ފެބްރުއަރީގެ ހުކުމުގައި ސޮއިކުރެއްވި 3 ފަނޑިޔާރުން ވެސް 1 ފެބްރުއަރީގެ ހުކުމުގައި ސޮއި ކުރައްވާފައިވާ ހިނދު، އަދި އުއްތަމަ ފަނޑިޔާރާ އިތުރު ފަނޑިޔާރަކާ ޖުޑީޝަލް ސަރވިސަސް އެޑްމިނިސްޓްރޭޝަންގެ އެޑިމިނިސްޓްރޭޓަރ ހައްޔަރުކޮށް އެކަހެރި ކޮށްފައި ވީހިނދު، އެއްވެސް ބާރުފޯރުވުމަކާ ބިރުދެއްކުމެއް ނެތި 5 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެހުކުމާމެދު ފަނޑިޔާރުން ވިސްނެވި ގޮތާ ނިންމެވި ނިންމެވުން ބަދަލުވެދާނެކަމަށް ޤަބޫލުނުކުރެވެއެވެ. ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން، “ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއި ޤާނޫނުގައި ކަނޑައަޅާ އަދަދެއްގެ މައްޗަށެވެ. ސުުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށެވެ. ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންވެފައިވާ ފަދައިން މިހުކުމް ނެރުނު ފަނޑިޔާރުންގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އިންނަވަންޖެހޭ ހިނދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަޤާމުގައި ހުންނަވަނިކޮށް ހައްޔަރުގައި ބަހައްޓައި އުއްތަމަ ފަނޑިޔާރު ހާޒިރުނުކޮށް ރިވިއު ހުކުމެއް ނެރެފައިވަނީ ބާކީ ތިއްބެވި 3 ފަނޑިޔާރުން މަޖުބޫރީ ހާލަތެއްގައި ތިއްބަވައިގެންކަމަށް ޤަބޫލުކުރަމެވެ.

ހަމަ އެހެންމެ 6 ފެބްރުއަރީގެ ހުކުމުގައި 1 ފެބްރުއަރީގެ ހުކުމުގެ 5 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ކަނޑައެޅިފައިވާ ބައި ބާތިލްކޮށްފައިވަނީ ސީދާ ރައީސް ޔާމީންގެ ސިޔާސީ ބޭނުންފުޅަށް، ސިޔާސީ ވާދަވެރިން ހައްޔަރުގައި ބައިތިއްބައި، ޤާނޫނު އަސާސީގެ ހުދޫދުން ބޭރުން ޚުދުމުހުތާރު ވެރިކަމެއްކުރެއްވުމަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރާތީ، ރާއްޖޭގެ ޝަރުއީ ނިޒާމަށް ބާރުފޯރުވުމާ ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.

އަދި ރާއްޖޭގެ ޤަނޫނު އަސާސީއާ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ބައިނަލް އަޤްވާމީ މުޖުތަމައުގެ ގޮވާލުންތަކަށް އިޖާބަދީ، ރައްޔިތުންގެ މަޖިލީހުގެ މުތްލަގު ބާރުތަކާ ޝަރުއީ ކޯޓުތަކުގެ އަސްލިއްޔަ ބާރުތައް ފުރިހަމައަށް ލިބިދީ، ދައުލަތުގެ 3 ބާރުގެ މިނިވަންކަން ކަށަވަރުކޮށް، ޑިމޮކްރެޓިކް ވެރިކަމަށް ރުޖޫއަވުމަށް ސަރުކާރަށް ގޮވާލަމެވެ.

07 ފެބްރުއަރީ 2018

 

 

 
yesiten