Jumhooree party

ޖުމްހޫރީ ޕާޓީ

 

ސަރުކާރު ހިންގާ ޕާޓީއިން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮންރަބްލް ޤާސިމް އިބްރާހިމް އާއި ބެހޭގޮތުން ދެއްކި ހަގީގަތެއް ނެތްވާހަކަތައް ކުއްވެރިކުރުން

ސަރުކާރު ހިންގާ ޕާޓީއިން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮންރަބްލް ޤާސިމް އިބްރާހިމް އާއި ބެހޭގޮތުން ދެއްކި ހަގީގަތެއް ނެތްވާހަކަތައް ކުއްވެރިކުރުން

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން، ފާޅުގައި ދިވެހި ގައުމުގެ އެންމެމަތީ ފަނޑިޔާރުގޭގެ ހުކުމް ތަންފީޒުކުރުމަށް ދެކޮޅުހަދައި، ހުކުމް ތަންފީޒުކުރުމަށް އިންކާރުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބާރުތައް ވަކިކުރެވިފައިވާ ނިޒާމަށް އިޙްތިރާމް ނުކުރުމުގެ ސަބަބުން ދިވެހި ގައުމާއި ރައްޔިތުންގެ ކަރާމަތް މިއަދު މިވަނީ ވެއްޔާއި މޮޑެވިފައެވެ.

ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދޭދޭ ގައުމުތަކުގެ މެދުގައި ދިވެހިސަރުކާރާއި ދިވެހިދަޢުލަތް މިވަނީ ބަދުނާމުވެފައެވެ. ދިވެހި ފަސްގަނޑުގައި ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ގެއްލިފައިވާކަމަށް އެތައްބަޔަކަށް މިވަނީ ގަބޫލުކުރަން މަޖުބޫރުވެފައެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމުގެ މަޤާމް 30 އަހަރުދުވަހުކުރެއްވި ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޣާއްޔޫމް މިއަދުވަނީ ޖަލުގައި ބަންދުކޮށްފައެވެ. ދިވެހިރާއްޖޭގެ އުއްތަމަފަނޑުޔާރު އަލްއުސްތާޒް ޢަބްދުﷲ ސައީދާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ހަމީދު ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ޙަސަން ސައީދުވެސްވަނީ ޖަލުގައި ބަންދުކޮށްފައެވެ. ސިޔާސީ ލީޑަރުންނާއި ހަރަކާތްތެރިން މިވަނީ ބޭއިންސާފުން ޖަލަށް ލެވި، ގައުމުން ބޭރުކުރެވި އަދި ސަރުކާރުގެ އަނިޔާގެ ޝިކާރަޔަކަށް ވެފައެވެ. ފަނޑިޔާރުން މިވަނީ ޖަލުގައި ބަންދުކުރެވި، ހައްދެއްނެތް އަނިޔާގެ ޝިކާރައަކަށް ވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ޖަލަށް ލެވިފައެވެ. މަގުމަތިކުރެވިފައެވެ. އެތައް ރައްޔިތުންގެ ހައްގުތަށް ވަނީ ސަރުކާރުގެ އަނިޔާގެ މުށުތެރެއަށް ލެވިފައެވެ. މިހާލަތަށް ގައުމުގެ ކަންކަން މިދިޔައީ ރައިސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ހައްދުފަހަނައަޅާ ގޮސް، އަދުލުވެރިކަމާއި ހަމަހަމަކަމާއި އެކު ވެރިކަންކުރުމަށް ނުކުޅެދުމުގެ ސަބަބުންނެވެ.

ގައުމަށް ކުރިމަތިވެފައި އޮތް އަނިޔާވެރިކަމުގެ ހާލަތު ބަދަލުނުކޮށް، ރައްޔިތުންނަށް އޮޅުވާލުމަށާއި، ބޭރުގެ ފަރާތްތަކަށް އޮޅުވާޅުމުގެ ބޭނުމުގައި، ސަރުކާރުހިންގާ ޕާޓީގެ އިސްވެރިން، ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވުމަށް ދައްކަވަނީ ހަގީގަތެއް ނެތް ދޮގުވާހަކަތަކެކެވެ. އެފަދަ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ޖުމުހޫރީ ޕާޓީއިން ކުއްވެރިކުރަމެވެ.

އެބޭފުޅުން މިފަދަ ވާހަކަފުޅުތައް ދައްކަވަނީ، އޮނަރަބްލް ގާސިމް އިބްރާހީމަކީ ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތުގެ އިންޖީން ކަމަށްވާތީއެވެ. އަދި އެމަނިކުފާނަކީ ކޮންމެފަދަ ހާލަތެއްގައިވެސް ދިވެހި ސިފައިންނާއި ފުލުހުންގެ ޝަރަފާއި އިއްޒަތް ދެމެހެއްޓުމުގައި ދެގޮތެއްނުވެ ދެމިހުންނަވާ ބޭފުޅަކަށް ވާތީއެވެ. އަދި ކޮންމެފަދަ އަނިޔާއެއް ލިބުނު ކަމުގައިވިޔަސް ސިފައިންނާއި ފުލުހުންނަށް އަދި ދިވެހި ޖުޑީޝަރިއަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ ލޯތްބަށް ބަދަލެއް ނާއްނާނެތީވެއެވެ. ވަކީން ޚާއްސަކޮށް ގުޅިފައިވާ ހަތަރު ޕާޓީގެ ކޯލިޝަންގެ މަސައްތަކްތައް ވަރުގަދަވެ، ރައީސް ޔަމީނަށް އިންތިޚާބަކުން ދެން ވެރިކަމަށް ވަޑައިނުގެންނެވޭނެކަން ކަށަވަރުވާތީއެވެ. އަދި އޮނަރަބްލް ގާސިމް އިބްރާހިމަކީ ޝަރުއީ ހުކުމްތަކަށް ތަބާވާ، ފަނޑިޔާރުގޭގެ ނިންމުންތަކަށާއި އަދުލު އިންޞާފުގެ ދާއިރާއަށް އިހްތިރާމްކުރައްވާ ބޭފުޅަކަށް ވާތީއެވެ.

11 ފެބްރުއަރީ 2018

 

 
yesiten