Jumhooree party

ޖުމްހޫރީ ޕާޓީ

 

ދިވެހިރާއްޖޭގައި މިވަގުތު ހިންގަމުންގެންދާ ޣައިރު ޤާނޫނީކުއްލި ނުރައްލަކުގެ ޙާލަތާ ގުޅޭ

ދިވެހިރާއްޖޭގައި މިވަގުތު ހިންގަމުންގެންދާ ޣައިރު ޤާނޫނީކުއްލި ނުރައްލަކުގެ ޙާލަތާ ގުޅޭ!

5 ފެބްރުއަރީ 2018 ވަނަ ދުވަހު އިއުލާންކޮށް، 20 ފެބްރުއަރީ 2018 ވަނަ ދުވަހު،އިތުރު 30 ދުވަހަށް މުއްދަތު އިތުރުކޮށްފައިވާ ކުއްލި ނުރައްކަލު ޙާލަތު އިޢުލާންކޮށްފައިވަނީވެސް އަދި މުއްދަތު އިތުރުކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރާއި ރައްޔިތުންގެ މަޖިލީސް ހިންގަން ކަނޑައެޅިފައިވާ އޮނިގަނޑުގެ ބޭރުން ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އަހާފައިވަނީ އެ މަޖިލީހުގެ ކައުންސިލާ ޖެނެރެލްގެ ލަފަޔާ ޚިލާފަށެވެ. އަދި20 ފެބްރުއަރީ 2018 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުން ޤާނޫނާ ޚިލާފް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގަވާފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤާރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށްވެސް އަންގަވާފައިވެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤާނޫނީ ސައްޙަކަން ޤާއިމުކުރުމަށް ނަގާ ވޯޓަށްއަހާ ވަގުތު 43 މެންބަރުން ޖަލްސާގައި ހާޒިރުވެ ތިބެން ޖެހޭ ހިނދު، 40 މެންބަރުން ހާޒިރުވެ، އެންމެ 38 މެންބަރުންގެ ތާއީދުލިބުމަކީ ކުއްލި ނުރައްކަލުގެ ޤަރާރަށް ޤާނޫނީ ޙައިސިއްޔަތު ލިބޭކަމެއްނޫނެވެ. އަދި އެ ހާލަތުގައި އެވޯޓަށް އެހުމާއި، އެ ވޯޓުގެ މައްޗަށް ބިނާކޮށް ތަރުތީބުވެގެން އަންނަ އެންމެހާ ކަންކަމާއި އެކަންކަމުގެ ސަބަބުން ނިކުންނަ ނަތީޖާއަކީ ޤާނޫނީ ޙައިސިއްޔަތު ލިބިގެންނުވާ ޤާނޫނުއަސާސީއާ ޚިލާފު ޣައިރު ޤާނޫނީ ކަންކަމެވެ.ޤާނޫނުއަސާސީގެ 87 (ށ) ވަނަ މާއްދާގައި ”ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައިވޯޓަށް އަހާންވާނީ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި“ ކަމަށް ބަޔާންކޮށްފައިވާހިނދު، އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި “މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއް” ކަމުގައި ބަޔާންކޮށްފައިވާތީ،ދިވެހި އަސްކަރިއްޔާގެ މަދުބައެއްގެ މަދަދާއެކު، ރައްޔިތުންގެ މަޖިލީހުގެ މަދުމެންބަރުންތަކެއްގެ އެހީގައި ރައްޔިތުންގެ މަޖިލިހުގެ ގަވާޢިދަކަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ ބާރުކަނޑުވާލާދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ރޫޅާފާފައިވާކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކެމެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މިވަގުތު އިއުލާންކޮށް ތަންފީޒުކުރަމުންދާ ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤަނޫނީ ގޮތުން އެއްވެސް މިންވަރެއްގެ ސައްހަކަމެއް ލިބިގެންނުވާ ޣައިރުޤާނޫނީ ޤަރާރެކެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ޤާނޫނުތަކާއި ޤަނޫނު ތަކުން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ހަނިކުރުމަށްފަހު ސަލާމަތީ ޚިދުމަތްތަކަށް ލިބިދޭ ބާރުގެ ބޭރުން ހައްޔަރުކުކޮށްފައިވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤާއްޔޫމާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު ޖުމްލަ 50 މީހުން ޤާނޫނީ އިމުން ބޭރުން ހައްޔަރުކޮށްފައިވާހިނދު، އޭގެ ތެރެއިން މިހާރުވެސް ސިޔާސީ އެކިއެކި ބޭނުންތަކަށްޓަކައި 26 މީހަކު ދޫނިދޫގައި ހައްޔަރުކޮށްފައިވޭއެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 21 މީހުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤާރާރުގެ ދަށުންކަމުގައިވެސް ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގައި މިވަގުތު ހިންގަމުންގެންދާ ކުއްލި ނުރައްލަކުގެ ޙާލަތު ޤާނޫނާ ޚިލާފް ކަމަށްދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލް، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިޔުމުން އަންގަވާފައިވާތީ އާއި ދުނިޔޭގެ މުހިއްމު ޖަމްޢިއްޔާތަކާއި، ދިވެހިރާއްޖެއާ ގުޅުން ބަދަހި އެތައް ޤައުމުތަކުން ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނާ ޚިލާފް ކަމަށް ބުނަމުން އަންނަހިނދު ގަދަބާރުން ޢަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރެއިން ޢަމަލު ކުރުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އެންމެ ހަރު އަޑުން ގޮވާލަމެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް މިހާރުން މިހާރަށް މިނިވަން ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލަމެވެ. ޤާނޫނުއަސާސީން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ލިބިދޭ ބާރުގެ ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ތަކުރާރުކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް

 

 
yesiten