Jumhooree party

ޖުމްހޫރީ ޕާޓީ

 

ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި މަސްއޫލިއްޔަތު އުފުއްލައްވަން ތިއްބެވި ފަރާތްތަކުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިފާއުކުރައްވައި، ނެގެހެއްޓެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލުން

ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި މަސްއޫލިއްޔަތު އުފުއްލައްވަން ތިއްބެވި ފަރާތްތަކުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިފާއުކުރައްވައި، ނެގެހެއްޓެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލުން

ދިވެހިރާއްޖެ މިވަގުތު ވެއްޓިފައިވާ ޙާލަތަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ރަނގަޅުގޮތެއް ނޫންކަމަށް މިހާރު ދެބަސްވެވޭނޭ ޖާގައެއް ނެތްކަމަށްވެފައި، އެކަމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި ދައުލަތުގެ މުހިއްމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށް ޤަބޫލުކުރެވޭތީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި ދައުލަތުގެ މުހިއްމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، އެއްވެސް ފަރާތަކުން ދައްކައިފާނޭ ބިރަކަށް ޖެހިލުންވެ ވަޑައިނުގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިފާއުކުރައްވައި، ނެގެހެއްޓެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޚްލާޞްތެރިކަމާއެކު ގޮވާލަމެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާގޮތުގެ މަތިންކަމަށާއި، ޤާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ވާޖިބުވެގެންވާކަމެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި ޣައިރުޤާނޫނީ އަމުރުކުރުމާއި، ޣައިރުޤާނޫނީ އަމުރަށް ތަބާވުމަކީވެސް ޤާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށްވާތީ، އެގޮތުން ޤާނޫނުއަސާސީއާ ޚިލާފުވެވަޑައިނުގަތުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ތިން ބާރު ވަކިވެފައިވާ، އަދި އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭގޮތަށް އޮތް ދުސްތޫރީ ނިޒާމަކުން ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު ޤާނޫނުއަސާސީގައި ކަނޑައަޅައި އެކުލެވިގެންވީ ނަމަވެސް، އެ ނިޒާމު މިހާރު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވުމާއި، ހަމައެކަނި ވެރިކަމުގެ ބާރު ނޫން ބާރެއް އޮތުމުގެ ޖާގަ ހަނިކުރެވިފައިވުމުގެ ސަބަބުން، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ވެރިކަން ނެތެމުންދާއިރު، ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ މުހިއްމު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަޅާނުލައްވާ ތިއްބެވުމަކީ މި ޤައުމުގެ ޙައްޤުގައި ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައި ދެކެމެވެ.

ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ހަމައެކަނި ތަބާވުމަށް ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާގޮތަށް، ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ އެކިއެކި މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި މިދެންނެވިގޮތުގެ މަތިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނިކޮށް މަޤާމުން ދުރުކުރެވޭ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ގެއްލުންތަކަށް ރިޔާޢަތްކުރެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެފަރަތްތަކަށް އަލުން މަޤާމުތައް ކަށަވަރުކުރެވި، އެފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނޭ ކަމުގެ ޔަޤީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
22 ފެބްރުއަރީ 2018

 

 
yesiten