Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޟް ، ޣައިރުޤާނޫނީ ހައްޔަރެއްގައި ބެހެއްޓުމާގުޅޭ

    ނަންބަރު : JP-NB/2018/3/008

   ނޫސްބަޔާން

            ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޟް ، ޣައިރުޤާނޫނީ ހައްޔަރެއްގައި ބަންދުކޮށްގެން ޤާނޫނާއި ޚިލާފަށް ގެންގުޅެމުންދަނީ، ރައީސް ޔާމީންގެ ސިޔާސީ މަގުޞަދެއް ހާސިލް ކުރުމަށްޓަކައި، ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި ރައްޔިތުންނަށް ހަޤީގީ ތެދުމަޢުލޫމާތު ގެނެސްދޭ ނޫސްވެރިންނާއި އަދި އެނޫންވެސް ފަރާތްތައް ތަފާތު ތުހުމަތު ތަކުގައި ހައްޔަރުކޮށް އެ ފަރާތްތަކުގެ ވިސްނުމާއި ފިކުރު ގަދަބާރުން ރައީސް ޔާމީނަށް ތާޢީދުކުރުވުމަށް މަޖުބޫރުކުރުމުގެ ގޮތުންކަން ފާހަގަކޮށް އެކަން މި ޕާޓީން އިންތިހާއަށް ކުއްވެރި ކުރަމެވެ.

            ރާއްޖޭގެ ރައްޔިތުންގެ ނުރުހުމުގައި ރާއްޖޭގެ ވެރިކަމުގައި ގަދަބާރުން ހުންނެވުމަށް ރައީސް ޔާމީނަށް ވާގިވެރިވާ މަދު ފަރާތްތަކެއްގެ ސަބަބުން ދިވެހި މުޅި މުޖުތަމަޢު ފަސާދަވެ، ރައްޔިތުންގެ އެތަކެއް ބަޔަކަށް އަނބުރާ ރުޖޫޢު ނުކުރެވޭނެ ބޮޑެތި ގެއްލުންތަކާއި، ނިކަމެތިކަމާއި، އަނިޔާތައް އަދި އިންޞާނިއްޔަތާއި ޚިލާފު އެތަކެއް ޢަމަލުތަކެއް ޖަލުތަކުގައި ހިންގަމުންދާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި، ރައްޔިތުންގެ މަޖިލީހާއި، މިނިވަން މުއައްޞަސާތައް ރައީސް ޔާމީންގެ މުށުތެރައަށް ލައިގެން ދިވެހި ދަޢުލަތުގެ ސިފަގެއްލި މުޅި ނިޒާމު ގަޑުބަޑުކޮށް ރައްޔިތުން ނިކަމެތި ހާލުގައި ޖައްސަމުންދާއިރު، މިހުރިހާ ކަމެއް ކުރަމުންދަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުންބޭރުން ކަމަށްވި ނަމަވެސް އެފަދަ ނޭއްގާނީ އަމަލުތައް ކުރުމުގެ ފުރުޞަތު ލިބިގެންދަނީ ޤައުމުގެ އަމަން އަމާންކަމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަން އަދި ދަޢުލަތުގެ މުދަލާއި ފައިސާ ހިމާޔަތްކޮށްދީ ކަށަވަރުކޮށްދޭން ތިބި ސަލާމަތީ ޚިދުމަތްތަކުގައި އިސްކޮންތިއްބެވި މަދުބައެއްގެ ސަބަބުން އެ ދެ ޚިދުމަތުގައި ހިމެނޭ ފަރާތްތައްލައްވާ ޣައިރުގާނޫނީ އަމުރުތައް ތަންފީޒުކޮށް ، ރައީސް ޔާމީން ގެ އަނިޔާވެރި އަމުރުތަކަށް ތަބާވެ، އެޢަމަލުތަކުގެ ޝިކާރައަކަށް ކުށެއްނެތް އެތަކެއްހާސް ދިވެހި ރައްޔިތުންނެއްހަދައި އެ ރައްޔިތުންނަށް، ސަލާމަތީ ޚިދުމަތްތަކުގައިތިބި މަދުބަޔަކު ކާކުކަން ނޭންގޭ ގޮތަށް ޔުނީފޯމް އަޅައި މޫނުނިވާކޮށްގެންތިބެ ރައްޔިތުންނަށް ލާއިންޞާނީ އަނިޔާތައް ކުރަމުންދާކަމަށް ގިނަބަޔަކު ބުނަމުންދާއިރު އެފަދަ ފަރާތްތަކުން ރައްޔިތުންނަށް އެފަދަ އަނިޔާތައް ތަކުރާރުނުވުމަށް ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރުމަށް މިޕާޓީން ގޮވާލަމެވެ.

            ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ސަލާމަތީ ޚިދުމަތްތައް ޤާއިމު ކޮށްދީފައިވަނީ، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށާއި، އަދި ޤާނޫނުއަސާސީ އާއި ދީމިޤްރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި ދިނުމަށް ކަމަށް ވީހިނދު ، ދިވެހިރާއްޖޭގެ މިއަދުގެ ހާލަތަށް ރިޢާޔަތް ކުރާއިރު ތިންބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގައި ވެރިކަންކުރާ ފަރާތުން އަނެއް ދެބާރުގެ މަސައްކަތްތައް މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ކުރުމަށް ހުރަސްއަޅަމުންދާ ދިއުން ނައްތާލާ އެ މުއައްސަސާތައް މިނިވަންކޮށް، ދިވެހިރައްޔިތުންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން މިއަދު ތަހައްމަލުކުރަމުން މިދަނީ މިނިވަންކަމެއްނެތި، އަސާސީ ހައްގުތައް ނިގުޅާގެންފައިވާ އަނިޔާވެރި ނިކަމެތި ހާލަތެއްގައި ކަމަށްވެފައި، އަދި އިންޞާނިއްޔަތާއި ޚިލާފު އެތަކެއް ޢަމަލުތަކެއް ކުށެއްނެތް އެތަކެއް ރައްޔިތުންނަކަށް ލިބެމުންދާއިރު، ހައްގުން ކަމަކާނުލާ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި، ޤައުމުގެ އެތަކެއް ޚިދުމަތްތެރިންނާއި، ޤައުމުގެ ވެރިކަން ކުރައްވާފައިވާ ފަރާތްތަކާއި، ރައްޔިތުންގެ ލޯތްބާއި ތާޢީދު ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި، ސިޓީ ކައުންސިލް ތަކާއި އަތޮޅު އަދި ރަށު ކައުންސިލް ތަކަށް އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނާއި، މިނިވަން ނޫސްވެރިކަމުގެ މަސައްކަތް ކުރައްވާ ނޫސްވެރިންނާއި، ޤައުމުގައި އަނިޔާވެރިކަމުގައި ދިރިއުޅެވެން ނެތިގެން އަމިއްލަޔަށް އަރުވާލެވިގެން ތިއްބެވި ފަރާތްތަކާއި، އަދި މިނޫންވެސް އެތަކެއް އާންމު ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ހައްގުގެ ބޭނުންކުރުމުން، ރައީސް ޔާމީން ގެ ނަފުރަތާއި ރުޅިވެރިކަން އެމީހުންގެ މައްޗަށް އޮތްމިންވަރުން އަދުލުވެރިކަމެއް އިންޞާފުގެ ޒައްރެއްގެ މިންވަރު ވެސް ނެތްހާލަތެއްގައި އަނިޔާވެރިކަން އިސްކޮށް އެ އެންމެން ޖަލުގެ ކުޑަގޮޅީގައި ބަންދުކޮށް އެ އާއިލާތައް ބިކަ ހާލުގައި ޖައްސަމުންދާއިރު، ސަލާމަތީ ޚިދުމަތްތަކުން އެކަންކަން ބަލަން ނުތިއްބަވާ އެ ރައްޔިތުން ސަލާމަތް ކޮށްދީ މި ޤައުމު އަނިޔާވެރި ވެރިއެއްގެ ކިބައިން މިންޖުކޮށްދެއްވުމަކީ ތިޔަ އެންމެހާ ދިވެހި ސިފައިންނާއި ފުލުހުންގެ ދީނީ އަދި ޤާނޫނީ ވާޖިބެއްކަމުގައި ދެކިގެން އެ ހާލަތުގައިވާ އެންމެހާ ދިވެހި ރައްޔިތުން މިނިވަން ކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލާ އިލްތިމާޞްކުރަމެވެ.

            ރައީސް ޔާމީން ގެ އަނިޔާވެރި ވެރިކަން ޤާނޫނީ އިމުގެތެރެއިން ނިންމުމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ހިއްވަރާ އަޒުމާއެކު ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގެތެރެއިން ކުރަމުންގެންދާ މިންނަތް މަސައްކަތްތައް ހުއްޓުމެއްނެތި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކުރިއަށް ގެންދަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ރާއްޖޭގައި ޤާއިމުކުރެއްވުމަށް ކަމަށްވާތީވެ، އެއްވެސް ފަރާތަކުން މި މަސައްކަތްތަކަށް ހުރަސް ނޭޅުމަށް މި ޕާޓީން ދަޢުލަތުގެ އެންމެހާ ފަރާތްތަކަށް އިލްތިމާޞްކުރަމެވެ.

                        20 މާރިޗް 2018

 

 
yesiten