Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އޮންރަބުލް ޢަބްދުﷲ ރިޔާޒް ގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ޙުކުމެއް ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ދެކެން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޢަބްދުﷲ ރިޔާޒް ގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހިންހާފައިވަނީ ޢަދުލުވެރި އިންޞާފްވެރި ޝަރީއަތެއް ކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ހަމައެއް އޮތް ޝަރީއަތެއް ކަމަކަށް ގުޅިފައިވާ ޕާޓީތަކުން ނުދެކެމެވެ.

 

އޮންރަބުލް އަބްދުﷲ ރިޔާޒްގެ މައްޗައް ކުރިމިނަލް ކޯޓް އިން ސާބިތު ނުވާކަމަށް ނިންމާފައިވާ މައްސަލައެއް، އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުގެ ބާރާނުފޫޒުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަޤުޞަދުތައް ޙާސިލްކުރަމުން ގެންދިއުމުގެ ފުރުޞަތު ދެމުންދާ ޢަދުލުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ސިޔާސީ ފަނޑިޔާރުންގެ ޢަމަލުތަކުގެ ސަބަބުން، ޢަދުލުވެރިކަމުގެ ނަމުގައި ހިންގާ އަނިޔާވެރި ޝަރީއަތްތަކުން، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެތަކެއް ދިވެހި ދަރީންނަކަށް ނުހައްޤުން ދެމުންދާ އަނިޔާގެ ފުރިހަމަ ޒިންމާ މިފަދަ ފަރާތްތަކުން އުފުލަން ޖެހޭނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ.

ޢަދުލް އިންޞާފުގެ ނިޒާމްގެ ހަމަތަކާއި އުޞޫލުތަކުން ބޭރުވެ، ހިންގަމުންދާ ސިޔާސީ ޝަތީއަތްތައް ހުއްޓާލުމަށާއި، އިސްތިޢުނާފުގެ މަރުޙަލާގެ ކޯޓް ތަކުން ޢަމަލު ކުރުމަށް،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިމުގެ ތެރޭގައި އިންޞާފުވެރި ޢަދުލުވެރި ޝަރީއަތްތައް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ހިންގުމަށްވެސް ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ޖުޑިޝަރީއަށް އިލްތިމާސް ކުރަމެވެ.

އޮންރަބުލް ޢަބްދުﷲ ރިޔާޒްގެ މައްޗަށް ހިންގާފައިވަނީ ސިޔާސީ ޝަރީއަތެއްކަން ޝައްކެއްނެތް މިންވަރަށް ފެނި ހާމަ ވަނީ އިސްތިޢުނާފުގެ މަރުޙަލާގެ ކޯޓްތަކުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލްތަކުން ބޭރުން ޢަމަލުކޮށް އެކަށީގެންވާ މިންވަރަށް ދިފާޢުގައި މަސައްކަތް ކުރުމަށް އޮންރަބުލް ރިޔާޒްގެ ޤާނޫނީ ވަކީލުންނަށް ފުރުޞަތު ނުދިނުމާއި، އަދި އިސްތިޢުނާފުކުރި މައްސަލަނޫން މުޅީން އާ މައްސަލައެއް އުފަންކޮށް، ކުރިމިނަލް ކޯޓުން ސާބިތުނުވާކަމަށް ނިންމި މައްސަލަ ނޫން އެހެން މައްސަލައެއްގައި އޮންރަބުލް ޢަބްދުﷲ ރިޔާޒްގެ މައްޗަށް ހުކުމް ކުރެވިގެން ދިޔަކަމެވެ.

ތަފާތު އެކިއެކި ނަންނަމުގައި ބާޠިލް އިންޓަރލިޖެންސް ރިޕޯރޓްތަށް ހަދައިގެން ސިޔާސީ މީހުންގެ މިނިވަންކަން ނަގާލާ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެމުންދަނީ ޢަބްދު ﷲ ޔާމީންގެ ވެރިކަން ދިފާޢުކޮށްދިނުމަށް، ޤާނޫނާއި ޚިލާފަށް އެހީތެރިވަމުންދާ މަދު ސިފައިންނާއި، ފުލުހުން އަދި ފަނޑިޔާރުންގެ ސަބަބުން ކަމަށްވާތީވެ، އެފަދަ ފަރާތްތަކުގެ ކިބައިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަކީ މިއަދު ދިވެހި އެންމެހާ ރައްޔިތުންގެ މައްޗަށް އޮތް ޤާނޫނީ އަދި ފަރުދީ ޒިންމާއެއްކަމުން، އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް ޢަބްދު ﷲ ޔާމީން ގެ އަނިޔާވެރި ވެރިކަން ޤާނޫނީ އިމުގެތެރެއިން ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމުގައި ދަންނަވަމެވެ.

25 އެޕްރީލް 2018

 

 
yesiten