Jumhooree party

ޖުމްހޫރީ ޕާޓީ

 

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން ނެރޭ ބަޔާން

ނަންބަރު : JP-NB/2018/5/009

ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީއަކީ ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންގެ ތެރެއިން ޤައުމަށް ޚިދުމަތްކުރެއްވުމުގައި ދެވަނައެއް ނުވާފަދަ ދީނީ ޢިލްމުވެރިއެއްކަމަށްވެފައި، އަދި އެ މަނިކުފާނަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ގެނައުމަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެން ކުރި މަސައްކަތްތަކުގައި ވަރަށް އިސްދައުރެއް އަދާކޮށް، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހުގައި ދަތުރުތައް ކުރައްވައި އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަމާނާތްތެރި ތެދުވެރި ބޭފުޅެއްކަން މި ޕާޓީން ފާހަގަކުރަމެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އުފެދުނު ކޯލިޝަން ސަރުކާރުގައި ރާއްޖޭގައި ފުރަތަމަ އުފެއްދި އިސްލާމިކް މިނިސްޓްރީގެ، މިނިސްޓަރުކަމަށް ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓުގައި، އަދާލަތު ޕާޓީގެ ފަރާތުން ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީ މިނިސްޓަރަކަށް ވެވަޑައިގެން ކޮށްދެއްވާފައިވާ ގިނަގުނަ އަގުހުރި ޚިދުމަތްތަކަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ހަނދާނުން ފޮހެވިގެންދާނެ ޚިދުމަތްތަކެއް ނޫނެވެ. އެ މަނިކުފާނުވަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައި އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިޚްތިރާމާއި ލޯބި ހޯއްދަވައި ރާއްޖޭގެ ފުރަތަމަ ފިޤުހު އެކަޑަމީގެ ރައީސްކަން ކުރައްވައި، ރައްޔިތުންނަށް ދީނީ ކަންކަން އޮޅުންފިލުވައިދީ އުނގަންނައި ދިނުމުގައި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

އެ މަނިކުފާނު މިއަދު އަޅުގަނޑުމެންނާ ވަކިވެ އަވަހާރަވުމުގެ ފުން ހިތާމައަކީ މުޅި ޤައުމާއި ރައްޔިތުން އަދި ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އަދާލާތު ޕާޓީގެ މެންބަރުން ނުހަނު ހިތާމަކުރާ ހިތްދަތި ވަޤުތެއްކަމަށް ވީހިނދު، އެ މަނިކުފާނު ވަކިވެ އަވަހާރަވުމަކީ އެ މަނިކުފާނުގެ ލޮބުވެތި އާއިލާއަށް ނުހަނު ފުން ހިތާމައަކާއި ހިތްދަތިކަމެއް އިހްޞާސްކުރެވޭނެ ވަޤުތެއް ކަމަށްވެފައި، މި ހިތާމަވެރި ހިތްދަތި ވަޤުތުގައި އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، މަރްޙޫމް ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.

                       22 މެއި 2018

 

 
yesiten