Jumhooree party

ޖުމްހޫރީ ޕާޓީ

 

Website qsim photoތައާރަފު
ޤާސިމް އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ދިވެހިރާއްޖޭގެ އަރިއަތޮޅު (މިހާރު އަރިއަތޮޅު ދެކުނުބުރި ނުވަތަ އދ) ދިއްދުއަށް، އުފަންވެވަޑައިގަތީ 1950 ވަނަ އަހަރުއެވެ. ބައްޕައަކީ މާމިގިލީ މަޝްހޫރު “ބުރުމާ” އިބްރާހީމެވެ. މަންމައަކީ އެއަތޮޅު ދިއްދޫ ޙައްވާއެވެ. ޤާސިމްގެ ޢުމުރުފުޅުން އެއްމެހާއި ނުވަދުވަސް ވީތަނާ މަންމަ ނިޔާވެއްޖެއެވެ. ދެން ޤާސިމް ބެއްލެވީ، ބައްޕަގެ މަންމަ ނުވަތަ ޤާސިމްގެ މާމައެވެ. ދިހަވަރަކަށް އަހަރުގައި މާމަ ވަނީ ނިޔާވެފައެވެ. މާމަ ނިޔާވި ހިސާބުން ޢަމަލީ މަސައްކަތުގައި އުޅުއްވިއެވެ. އެދުވަސްވަރު، ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުން ކާށި ހޮވުމާއި، އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. އަދި އެދުވަސްވަރު އެތާނގައި ލިބެންހުރި ތަޢުލީމަކާއި ހުނަރެއް ޢުމުރާ ގުޅޭގޮތުން ހޯއްދަވާފައިވެއެވެ. އެއިރުއްސުރެ ޤާސިމް އިބްރާހީމަކީ، މުރާލިކަމުގެ ނަމޫނާ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ބައްޕަ ގާތުގައި ދެތިން އަހަރެއް ވޭތުކުރެއްވުމަށްފަހު، މާލެ ވަޑައިގަތެވެ.
ޅަފުރައިގެ އަހަރުތަކުގައި ތައްލީމު ޙާޞިލް ކުރެއްވުމަށް މާލެވަޑައިގެން ލިބިވަޑައިގެންނެވި ތަޢްލީމަކާއި ތަމްރީނެއް ހޯއްދަވައި، ކަންކަމަށް ނަޒަރު ހިންގަވައި މުރާލިކަމާއެކު ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. މާލޭގައި ފުރަތަމަ އުޅުއްވީ، ނޫރާނީއާގޭގައެވެ. ދެން އޭގެ ފަހުން އެންދެރިމާގޭގައެވެ. މިދެގޭގައިވެސް ސައިކަލު ބައިސްކަލު ސާފުކުރުމުގެ މަސައްކަތާއި، ގޭތެރެ ސާފުކުރުމުގެ މަސައްކަތްތައް ކުރައްވާފައިވެއެވެ. އަދި ލިބޭ ހުސްވަގުތުކޮޅުގެ ތެރޭގައި ޓިއުޝަނަށް ގޮސްގެން ލިބުނު ތަޢުލީމެއްވިއްޔާ ހޯއްދަވާފައިވެއެވެ.
ޤާސިމް އިބްރާހީމްގެ ޢާއިލީ ދިރިއުޅުއްވުމަށް ބަލާއިރު ކުރެއްވި ކާވެނިފުޅުތަކުން 10 ވަރަކަށް ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ހަތަރު އަނބިން އެބަތިއްބެވިއެވެ. އެއީ އާދައިގެ އާއިލާތަކަށް ހިމެނޭ ބޭކަނބަލުންނެވެ.
ޤާސިމް އިބްރާހީމް، 1960 ގެ އަހަރުތަކުގެ ފަހުކޮޅުގައި ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތީ، އާދަޔާޚިލާފު ޙަރަކާތްތެރިކަމަކާ އެކުގައެވެ. “އަދަކުގައި ކަމު ފޮޅާކަށް ދެންނެތޭ، ދެނެތިބިކަމެއް މެނުވީ، މަސައްކަތަކުން، ޢިލްމަކުން، ހުނަރަކުން ނޫނީ ނަފާވާނޭ” މިޙަޤީޤަތް ޤަބޫލުކުރައްވައިގެންނެވެ. މިގޮތުން މަސައްކަތުގެވެސް ހުނަރުގެވެސް ލާމަސީލު މިސާލެއްގެ ނަމޫނާއެއްގައި މެނުވީ، ޤާސިމް އިބްރާހީމް ނުވެއެވެ.
ޤާސިމް އިބްރާހީމް ޤައުމީ ޚިދުމަތް ފެށްޓެވީ، 1969 ވަނަ އަހަރު ގަވަރމަންޓް ހޮސްޕިޓަލްގެ އެއްނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. 1972 ވަނަ އަހަރު ޕްރޮފެޝަނަލް ކޯސް އިން އެކައުންޓެންސީ ފުރިހަމަ ކުރެއްވުމުގެ ސަބަބުން، އެކައުންޓެންޓަކަށް ޕްރޮމޯޓްވިއެވެ. އެއަށްފަހު 1973 ގައި އެލިޔާ ފަރުނީޗަރ ފިހާރައިގެ މެނޭޖަރކަން ކުރެއްވިއެވެ. އޭގެފަހުން އެއަހަރު ކްރެސެންޓްގައިވެސް މަސައްކަތް ކުރެއްވިއެވެ. 1974 ގައި މޯލްޑިވްސް ގަވަރންމަންޓް ބޮޑު އިސްޓޯރު (އެމް.ޖީ.ބީ.އެސް) ގެ މެނޭޖަރުކަން ކުރައްވާފައިވެއެވެ.
 

ޤާސިމް އިބްރާހީމް އަދާކުރެއްވި އިސް މަގާމުތައް.

ރައްޔިތުންގެ މަޖިލީޙުގެ އަރިއަތޮޅު (އ. އަތޮޅު) ގެ މެންބަރުކަން، (1990 ވަނަ އަހަރު)
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން، (1990 ގެ ބައެއް އަހަރު ތަކުގައި)
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން. (2000 ގެ ބައެއް އަހަރު ތަކުގައި)
ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ (މޯލްޑިވިއަން ޓްރޭޑަރސް އެސޯސިއޭޝަން) ގެ ރައީސްކަން. (1990 ގެ ބައެއް އަހަރުތަކާއި 2000 ގެ ބައެއް އަހަރު ތަކުގައި)
މޯލްޑިވްސް އެސޯސިއޭޝަން ޓޫރިޒަމް އިންޑަސްޓްރީގެ ނާއިބު ރައީސްކަން. (1990 ން ފެށިގެން 10 އަހަރު ވަންދެން.)
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާ (މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒް) ގެ ރައީސްކަން. (2000 ގެ ބައެއް އަހަރުތަކުގައި) 6 އަހަރު.
ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒް ނާއިބް ރައީސްކަން. (2000 ގެ ބައެއް އަހަރުތަކުގައި) 4 އަހަރު.
ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ރައީސްކަން (2000 ގެ ބައެއް އަހަރު ތަކުގައި) 2 އަހަރު 1 ޓާމް.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅު ދެކުނުބުރީ (އދ. އަތޮޅު) ގެ މެންބަރުކަން (19 ޖުލައި 2004 އިން 7 އޮގަސްޓް 2008 އަށް)
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީކަން. (18 އޮގަސްޓް 2005 ން 15 ޖުލައި 2008 އަށް)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރކަން. (18 އޮގަސްޓް 2005 ން، 8 އޮގަސްޓް 2007 އަށް)
ވާރލްޑް ބޭންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރނަރކަން. (18 އޮގަސްޓް 2005 ން، 15 ޖުލައި 2008 އަށް)
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރނަރކަން. (18 އޮގަސްޓް 2005 ން، 8 އޮގަސްޓް 2007 އަށް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން. (6 މޭ 2007 ން، 7 އޮގަސްޓް 2008 އަށް)

ވިޔަފާރިއާއި އިޤްތިޞާދީ ޚިދުމަތްތަކުގެ ފަށުން
ޤާސިމް އިބްރާހީމް އެމަނިކުފާނުގެ އަމިއްލަ ވިޔަފާރީގެ ޢަމަލީ މަސައްކަތަށް ނުކުމެވަޑައިގަތީ، މީގެ 33 އަހަރު ކުރިން 1976 ގައި SBI އިން ހޯއްދެވި 15000 (ފަނަރަ ހާސް) ރުފިޔާގެ ރައުސްމާލަކާ އެކުގައެވެ. ކުރެއްވި ވިޔަފާރީގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންތެރި ކާޑާއި، ތެލުގެ ވިޔަފާރި ހިމެނެއެވެ. އޭގެ ތެރޭގައި ހަނޑުލާއި ކަރާސީނާއި، ޑީސަލުގެ ވިޔަފާރި ހިމެނެއެވެ. 1980 ގައި ބާބޯޓެއް ބައްލަވައިގަނެ، ކާގޯއާއި ތެޔޮ އުފުލޭގޮތަށް އެބޯޓް މަރާމާތު ކުރައްވައިގެން ތެޔޮ އިމްޕޯރޓް ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ.14 އޭޕްރީލް 1986 ގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ޤާސިމް އިބްރާހީމްގެ މަޝްހޫރު ކުންފުނި އުފެއްދެވިއެވެ. މިކުންފުނީގެ އެތައް އާގުބޯޓެއް އޭރުވެސް އޮތެވެ. ވިޔަފާރިވެސް އޭރުވަނީ ކުރިއަރާފައެވެ.
މިއަދު ވިލާ ގްރޫޕަކީ، އެތައް ކުންފުންޏެއް އޭގައި ހިމެނިފައިވާ ދިވެހިރާއްޖޭގެ އެންމެބޮޑު ވިޔަފާރީގެ ގްރޫޕް ކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް 1988 އާ ހިސާބުން ފަތުރުވެރިކަމުގެ ޞިނާޢަތަށް ނިކުތް މިގްރޫޕް ހިމެނެނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައިވެސް އެންމެ ކުރީގައެވެ. އެތައް ރިޒޯޓެއް ހިމެނެއެވެ. ވިލާ ހޮޓެލްސް، ވިލާ ޓްރެވަލް ފަދަ ކުންފުނިތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކެކެވެ.
ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައިވެސް މިޤައުމުގައި ޤާސިމް އިބްރާހީމް ވަނީ ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވާފައެވެ. އަމިއްލަ ފަރާތަކުން ރާއްޖޭގައި ހަދާ ފުރަތަމަ އެއަރޕޯޓަކީ، ޤާސިމް އިބްރާހީމް މާމިގިލީގައި ހަދާ އެއަރޕޯޓެވެ. ޤާސިމް އިބްރާހީމް ކުރިންވެސް ކުރެއްވި ޝިޕިންގގެ ވިޔަފާރިއާއި، ކަނޑުދަތުރުގެ ލޯންޗްތަކާއި، ދޯނިތަކާއި، ތެލާއި ގޭހުގެ ވިޔަފާރިވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރާފައެވެ. އަދި މަސްވެރިކަމުގެ ޞިނާޢީ ބޮޑެތި ފެކްޓެރީތަކާއި، ބޯޓްތަކާއި، ބޮޑެތި މަސައްކަތްތަކާއި، އެހެނިހެން ޞިނާޢީ ބޮޑެތި މަސައްކަތްތައް ކަމުގައިވާ، ސިމެންތި ފެކްޓްރީއާއި، ޓިނު ފެކްޓްރީވެސް މިވިޔަފާރީގައި ހިމެނެއެވެ. މިނޫންވެސް އެތައް ވިޔަފާރިއެއް ކުރައްވައި ޤައުމަށް އޭގެ ފައިދާ ޤާސިމް އިބްރާހީމް ވަނީ ހޯއްދަވައި ދެއްވާފައެވެ.
ވިލާ ގްރޫޕްގެ ވިޔަފާރި އޮފީސްތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދެއެވެ. އެގޮތުން އެންމެ ފުރަތަމަ އޮފީހެއް ހުޅުވުނީ، ސިންގަޕޫރުގައި 1991 ވަނަ އަހަރުއެވެ. އޭގެ ފަހުން، ޖަރުމަނުވިލާތުގައި 1996 ގައި ވިލާގެ އޮފީހެއް ހުޅުވުނެވެ. އަދި ޖަޕާނުގައާއި ހޮންކޮންގުގައި 2001 ގައި ވިލާގެ އޮފީސް ހުޅުވިފައިވެއެވެ.

ސިޔާސީ ޙަޔާތް

ޤާސިމް އިބްރާހީމް ސިޔާސީ ދާއިރާއަށް ޢަމަލީގޮތުން ވެދެވަޑައިގަތީ، 1990 ވަނަ އަހަރުއެވެ. އެއީ އޭރުއޮތް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ޙައިޞިއްޔަތުންނެވެ. އެރައްޔިތުންގެ މަޖިލީހަކީ، އިޞްލާޙީ ޚިޔާލުގެ ގިނަ ބޭފުޅުންތަކެއް އަލަށް ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހެކެވެ. ޤާސިމް އިބްރާހީމް، ޙަސަން ޢަފީފު، މުޙަންމަދު އިބްރާހީމް ދީދީ (މޮޑީ) ޑރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، މުޙަންމަދު ލަޠީފް (ގޯގޯ ލަޠީފު) ފަދަ ބޭފުޅުންނެވެ.
ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ޕްރެޝަރާހެދި ޤާސިމް އިބްރާހީމަށް މަޖުބޫރުވީ އިސްތިޢުފާ ދޭށެވެ. އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތްގޮތުން “މަތިން އަޔަސް ވަށާލާފައި އަޔަސް ނިމޭނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައިން” ކަމަށްވާތީއެވެ.
އެހެން ނަމަވެސް ޤާސިމް އިބްރާހީމް ގެ އިޞްލާޙީ މަސައްކަތްތައް ހުއްޓައެއް ނުލައްވައެވެ.
“މިހާތަނަށް ސިޔާސީ އިޞްލާޙީ މަސައްކަތުގެ “ހުޅުކޮޅު” ނުނިވި އަލިކަން ދެމެހެއްޓުނީ، އެއަށް ބޭނުންވާ “ތެޔޮ” ޤާސިމް އިބްރާހީމް އަޅުއްވައިގެންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިޞްލާހީ އޮޑި ކަނޑަށް ޣަރަޤުވިޔަ ނުދީ ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރެވުނީ ނުވަތަ މަންޒިލަށް ވާސިލް ވެވުނީ، ޤާސިމް އިބްރާހީމްގެ ބުރަ މަސައްކަތުންނެވެ.” އިޞްލާޙީ މަސައްކަތުގައި ދެމިހުންނެވިތާ، 18 އަހަރު ވެއްޖެއެވެ. އެހެންވީމާ، ޤާސިމް އިބްރާހީމަކީ، ރިފޯމިސްޓުންގެ ރައީސް ކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.
އެދުވަސްވަރު ޤާސިމް އިބްރާހީމް ގެންދެވީ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުހިންމު މަޤާމުތަކެއް ފުރުއްވަމުންނެވެ. މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ (މޯލްޑިވިއަން ޓްރޭޑާރސް އެސޯސިސޭޝަން)ގެ ރައީސްކަން ކުރައްވާ، އެޖަމްޢިއްޔާ ރާއްޖޭގެ ނޭޝަނަލް ޗެމްބަރަކަށް ހެއްދެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ، ޤާސިމް އިބްރާހީމެވެ. މިކަން ފުރިހަމަވެ، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާ (މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒް) އަކަށްވެ، އެތައް ފަހަރެއްގެ މަތިން ރައީސްކަން ކުރެއްވިއެވެ. އަދި ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ނާއިބް ރައީސްކަމާއި، އަދި ރައީސްކަމުގެ މަޤާމު އަދާކުރައްވައި ޤައުމީ އަދި  ބައިނަލްއަޤްވާމީ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވިއެވެ.
2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނުވަތަ އެމް.ޑީ.ޕީ. އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި އެންމެ ފުރަތަމައަށްވާ ނަންފުޅަކީ، ޤާސިމް އިބްރާހީމްގެ ނަންފުޅެވެ. އެފަހަރު ސަރުކާރަކަށްވެސް އޭރުގެ ރައްޔިތުންގެ މަޖިލީހަކަށްވެސް ރާއްޖޭގައި ސިޔާސީ ޕާޓީ ހަދާކަށް ފެނިވަޑައެއް ނުގަތެވެ. “އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެކެވެ.” އެހެންކަމުން ޤާސިމް އިބްރާހީމް އެންމެ އިސް އެއްބޭފުޅަކަށް ހުންނަވައިގެން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދެވުމަށް ކުރެއްވި މަސައްކަތްތަކުގެ “ފޮނިމޭވާ” ރައްޔިތުންނަށް މިވަނީ ލިބިފައެވެ. އެއީ ފަރުދީ މިނިވަންކަމާއި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާނެ ޤާނޫނު އަސާސީއެއް ދިވެހިންނަށް ލިބިގެން ދިއުމެވެ.
ސެޕްޓެމްބަރ ނަވާރަ، ވިހި 2003 ގައި މާފުށީ ޖަލާއި މާލޭގައި ހިނގި ހާދިސާތަކަށްފަހު ބޭރު ދުނިޔެއަށް ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އެނގިފެނިގެން ދިޔައެވެ. އަދި ރާއްޖޭގައި ކުރަމުންދާ އެކެއްގެ އަތުގައި ހުރިހާ ބާރުތަކެއް އޮތް ވެރިކަމުގެ ކަންތައްތައް ދުނިޔޭގެ ސަމާލުކަމަށް އައެވެ. މިހާ ހިސާބުން ރާއްޖެއަށް ސިޔާސީ އިޞްލާޙީ ބަދަލުތައް ގެނައުމަށް ސަރުކާރަށް މަޖުބޫރުވިކަމަށް ބެލެވެއެވެ. 10 ޑިސެމްބަރ 2003 ގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނެއް ޤާއިމް ކުރިއެވެ.
މިހާ ހިސާބުން އިޞްލާހީ ގަސް އާރޯކަމާއެކު ހެދި އޭގެ މޭވާ ލިބުމާ ކައިރިވެއްޖެއެވެ. ފެބްރުއަރީ 2004 ގެ ރިޔާސީ ބަޔާނުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީސް އެއްކުރައްވަން ޤަޞްދުކުރައްވާކަން އިޢްލާން ކުރައްވަން ރައީސް މައުމޫނަށް މަޖުބޫރުވެވަޑައިގަތް ކަމަށް ބެލެވެއެވެ. އަލަށް އިންތިޚާބު ކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅު ދެކުނުބުރީގެ އެއް މެންބަރަކީ، ރިފޯމިސްޓުންގެ ރައީސް ޤާސިމް އިބްރާހީމެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީސް 19 ޖުލައި 2004 ގައި އެއްކުރެވި އެދުވަހު ފެށުނު އެމަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެމަޖިލީހުގެ ރައީސްކަމަށް ޤާސިމް އިބްރާހީމް އިންތިޚާބު ކުރުމަށް ރިފޯމިސްޓުންކުރި މަސައްކަތަށް ރިފޯމާއި އިދިކޮޅު ބޭފުޅުން ހުރަސް އެޅިއެވެ. ޖަލްސާ ހޫނުވެ ބައެއް މެންބަރުން ޖަލްސާއިން ނުކުމެވަޑައިގެންނެވިއެވެ. މިމައްސަލާގައި ހިތްވަރުގަދަ ރިފޯމިސްޓުންނާއެކު، އެބޭފުޅުންގެ ލީޑަރެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ބަޠަލަކީ، މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމެވެ.
އޭގެ ފަހުން މަހެއްވެސް ނުވަނީސް އޮގަސް 12، 13 ގެ ހާދިސާ ނުވަތަ މަޝްހޫރު “ކަޅު ހުކުރު” ގެ ހާދިސާ ޤައުމަށް ކުރިމަތިވިއެވެ. މިމައްސަލާގައި އެއްވެސް ކުށަކާ ނުލައި، ޤާސިމް އިބްރާހީމް ސަރުކާރުން 24 އޮގަސްޓް 2004 ގައި ހައްޔަރުކޮށް ޖަލަށް ލިއެވެ. ޖަލުގެ ބަންދުގައި 67 އަށްވުރެ ގިނަ ދުވަހު ބެހެއްޓުމަށްފަހު، ސަރުކާރުން ޤާސިމް އިބްރާހީމް 20 އޮކްޓޯބަރ 2004 ގައި ގޭބަންދަށް ބަދަލުކުރިއެވެ. އަދި 5 ޑިސެމްބަރ 2004 ގައި ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ދަޢުވާކުރާކަން ހާމަކުރިއެވެ.
1 ޖެނުއަރީ 2005 ގައި ޤާސިމް އިބްރާހީމާއި އެހެނިހެން ރިފޯމިސްޓުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް އަނބުރާ ގެންދަވާކަން ރައީސް މައުމޫން ހާމަކުރެއްވީ، 26 ޑިސެމްބަރ 2004 ގެ ސުނާމީ ކާރިސާގައި ޤައުމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ރިފޯމިސްޓުންގެ މައްޗަށް ދަޢުވާކޮށް ޝަރީޢަތް ކުރުމަކީ، ހަމަޖެހޭ ކަމެއް ކަމަށް ސަރުކާރަށް ނުފެންނާތީ ކަމަށް ދިރާސާކުރާ ބައެއް މީހުން ދެކެއެވެ.
އެހާތަނާ ހަމައަށް އައިއިރުވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. އެހެންކަމުން ޤާސިމް އިބްރާހީމް ދެކެވަޑައިގަތީ، މިމަސައްކަތް ފުރިހަމަ ކުރެއްވޭނީ ސަރުކާރުގެ ތެރެއިން ކަމަށެވެ.
ސަރުކާރުންކުރި އާދޭސްތަކަށް ޤާސިމް އިބްރާހީމް އިޖާބަދެއްވައި މިނިސްޓަރުކަން ޤަބޫލުފުޅު ކުރެއްވީ މިސަރުކާރު ދަމަހައްޓަން އަދި އިޞްލާހީ ޙަރަކާތް މަޑުޖައްސާލަން ނޫންކަމަށާއި އެއީ ރައްޔިތުންނަށް އަލިމަގެއް ކޮށެން އޮތީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ކަމަށްވާތީއެވެ. 2 ޖޫން 2005 ގައި ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރަފްވިއެވެ.
      18 އޮގަސްޓް 2005 ގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީކަން ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތެވެ. އެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ކަމާއި، ވޯލްޑް ބޭންކަށާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރނަރކަން ލިބިވަޑައިގަތެވެ. 1 ޖުލައި 2006 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ ހައިޞިއްޔަތުން 500 ރުފިޔާގެ ނޫޓުގައާއި އެހެނިހެން ބައެއް ނޫޓްތަކުގައި ސޮއިކުރައްވައި ތާރީޚުގެ ތެރެއަށް ވެދެވަޑައިގަތެވެ. (އޭގެ ކުރިން ރާއްޖޭގެ ނޫޓްގައި މާލީ ވަޒީރުގެ ޙައިޞިއްޔަތުން ސޮއިކުރައްވާފައިވަނީ ޤައުމުގެ ރައީސުން ކަމުގައިވާ މުޙަންމަދު އަމީން، އިބްރާހީމް ނާޞިރު، އަދި މައުމޫން ޢަބްދުލްޤައްޔޫމެވެ)
ޤާސިމް އިބްރާހީމަކީ، ޤައުމީ އިޙްތިފާލްތައް ޝަރަފްވެރިކޮށް ދެއްވައި ޤައުމީ ޖަލްސާތަކުގައި ރިޔާސަތު ބަލަހައްޓަވާފައިވާ ބޭފުޅެކެވެ. އަދި ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ބައެއް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވާ ބޭފުޅެކެވެ.
ފިނޭންސް މިނިސްޓަރކަން ކުރެއްވި ދުވަސްވަރު 20 އޭޕްރީލް 2006 ގައި ޑީއާރުޕީގެ ނާއިބް ޒަޢީމް ކަމަށް އިންތިޚާބުވެވަޑައިގަތެވެ.
      6 މެއި 2007 އަކީ ޤާސިމް އިބްރާހީމްގެ އިޞްލާޙި ޙަރަކާތްތަކުގައި ވަރަށް މުހިންމު ދުވަހެކެވެ. އެދުވަހަކީ، ޤާސިމް އިބްރާހީމަށް އޭގެ ދެއަހަރު ކުރިން ސަރުކާރުން ނުވަތަ ސަރުކާރަށް ތާޢީދުކުރާ މީހުން، ނުދެން އުޅުނު މަގާމު ކަމުގައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ދިނުމަށް ރުހެން މަޖުބޫރުވެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމުގެ މަޤާމް، ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ތާރީޚީ ދުވަހެވެ. އޭރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތްވަނީ “ހިނިކު” ދުވެލީގައި ޤާނޫނު އަސާސީގެ އެންމެ އަކުރެއްވެސް ނޭޅިއެވެ. މިހެން ކަން އޮއްވާ އެމަޖިލީހުގެ މަސައްކަތް މެކުހަށް ޖައްސާލައްވައި، ދަތި އުނދަގޫ މައްސަލަތަކެއް ޙައްލު ކުރައްވައި، އެމަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބުރަ އުނދަގޫ މަސައްކަތް ފެއްޓެވިއެވެ. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ޢަމަލީ މަސައްކަތް ފެއްޓެވިތާ، އަހަރެއް ނުވަނީސް ނުވަތަ ޤާސިމް އިބްރާހީމް، ޚާއްޞަ މަޖިލީހުގެ ރިޔާސަތާއި ޙަވާލުވެ ވަޑައިގެންނެވިތާ، 1 އަހަރާއި ދެމަސްވެސް ނުވަނީސް ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް 26 ޖޫން 2008 ގައި ނިންމެވިކަމުގެ އެންމެބޮޑު ޝުކުރެއް ޙައްޤުވާ ބޭފުޅަކީ އޮނަރަބްލް ޤާސިމް އިބްރާހީމް ފިޔަވައި ދެވަނަ ބޭފުޅެއް ނޫނެވެ.
މަލްޓި-ޕާޓީ ޑިމޮކްރަސީއެއް ނުވަތަ ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް އަލިވިލިގެން އައި މިޤާނޫނުއަސާސީ، ސިޔާސީ ޚިޔާލު ތަފާތު މެންބަރުންތަކެއް ތިއްބެވި މަޖިލީހަކުން ނިންމަވައި ފުރިހަމަ ކުރެއްވުނީ، ޤާސިމް އިބްރާހީމް ފަދަ ޖުމްލަ ގޮތެއްގައި ހުރިހާ އެންމެންގެ ރުހުމާއި ތާޢީދާއި އިޙްތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ރިޔާސަތުގެ ސަބަބުން ކަމަށް ދިވެހި ޤައުމު ޤަބޫލުކުރެއެވެ.
      10 ޖުލައި 2008 ގައި ޤާސިމް އިބްރާހީމް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުން އިސްތިޢުފާ ހުށަހަޅުއްވައި، އެއިސްތިޢުފާ 16 ޖުލައި 2008 ގައި ރައީސުލްޖުމްހޫރިއްޔާ ޤަބޫލުކުރެއްވުމާއެކު އެމަޤާމުން ވަކިވެވަޑައިގެންނެވިއެވެ. އަދި 7 އޮގަސްޓް 2008 ގައި ޑީއާރުޕީންވެސް، ޤާސިމް އިބްރާހީމް އިސްތިޢުފާ ދެއްވިއެވެ. އަދި އެޕާޓީންވެސް ވަކިވިއެވެ.
      7 އޮގަސްޓް 2008 މިދުވަހަކީ، ޤާސިމް އިބްރާހީމްގެ ރިޔާސަތުގައި އިޞްލާޙު ކުރެވުނު މިޤާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި، ދިވެހިރާއްޖެއަށް ޒަމާނީ މިނިވަން ޑިމޮކްރަސީއެއް އަލިވިލުނު ދުވަހެވެ. އަދި މިދުވަހަކީ، ޤާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ދުވަސްވެސް މެއެވެ.
ޖުމްހޫރީ ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީން ޤާސިމް އިބްރާހީމަކީ، އެޕާޓީގެ ލީޑަރ ކަމަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް 15 އޮގަސްޓް 2008 ގައި ނިންމަވާފައެވެ. އަދި އެމަހުގެ ތެރޭގައި ބޭއްވުނު ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގެ މެންބަރުން ވަނީ ވަރަށް މަތިވެރި އަޣްލަބިއްޔަތަކުން އެކަން ޤަބޫލުކުރައްވާފައެވެ.
ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް އަލިވިލިގެން އައި މިޤާނޫނު އަސާސީ ހެއްދެވި، މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމަކީ، މިޤާނޫނު އަސާސީގެ ދަށުން ބޭއްވި ރާއްޖޭގެ ރިޔާސީ (ގިނަ ކެންޑިޑޭޓުން ވާދަކުރައްވާފައިވާ) އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާފައިވާ ކެންޑީޑޭޓެވެ.
މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިޤައުމު ވާޞިލްކޮށްދިން ޤާނޫނު އަސާސީގެ ޢަމަލީ މަސައްކަތް ތަކުގައާއި މިޤާނޫނު އަސާސީ ފާސްކޮށް ނިންމައި ދިނުމުގައި އެންމެބޮޑު ޙިއްޞާއެއް އަދާކުރީ ކާކުހެއްޔެވެ؟ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް 1990 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ މަސައްކަތްތައް، ހުއްޓާނުލައި މިމަސައްކަތް ކުރުމުގައި ރާއްޖޭގައި ދެމިހުރީ ކާކުހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، 1990 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީގެ “ހުޅުކޮޅު” ނިވުނަނުދީ ހިފެހެއްޓުނީ އެއަށް “ތެޔޮ” އަޅައިގެން ނޫން ހެއްޔެވެ. މިކަންތައްތަކުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ކާކުހެއްޔެވެ. ޝައްކެއް ނެތެވެ. އެއީ ޤާސިމް އިބްރާހީމް ފިޔަވައި ދެވަނަ ބޭފުޅެއް ނޫނެވެ.
ރާއްޖެއަށް 1 އޮގަސްޓް 1962 ގައި އިޤްތިޞާދީ މިނިވަންކަމާއި، ރާއްޖެއަށް ސިޔާސީ މިނިވަންކަން 26 ޖުލައި 1965 ގައި ލިބިފައިވިޔަސް ދިވެހިރައްޔިތުންނަށް ފަރުދީ މިނިވަންކަން ޤާނޫނީގޮތުން ފުރިހަމައަށް ލިބުނީ، 7 އޮގަސްޓް 2008 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީއާ ހަމައިންނެވެ. މިހެންވީމާ، ދިވެހިރައްޔިތުންނަށް ފަރުދީ މިނިވަންކަން ލިބި، މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހި ޤައުމު ވާޞިލްކޮށްދިން ޤާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވުމަށް މިހާރު އެންމެ އެކަށޭނަ ބޭފުޅަކީ، ޤާސިމް އިބްރާހީމެވެ. އެމަނިކުފާނު އަދާކުރެއްވި މަޤާމުތަކަށް ބަލާއިރުވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމާއި، މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ކަމާއި ވޯލްޑް ބޭންކާއި އައި. އެމް. އެފް. ގެ ގަވަރނަރ ކަން ކުރައްވާ، ރާއްޖޭގެ އާއްމު ހާލަތާއި ދިރިއުޅުމުގެ ދަތިކަން ދަތުމާއެކު އެންމެ ބޮޑު އެއްކުންފުނި ފަށައިގެން ހިންގުމުގެ ތަޖުރިބާހުރި އަދި އެއަށްވުރެ ބޮޑަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެހެން ބޭފުޅަކު ނެތުމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާތީ، ތަޖުރިބާގެ ގޮތުން ބަލާއިރުވެސް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު އަދާކުރެއްވުމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ވަނީ ލިބިވަޑައިގެންފައެވެ. އަދި މިޤައުމަށް މިހާރު ބޭނުންވަނީ ކަންކަން ކުރެވޭ، ތަރައްޤީގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހިންގެވޭ މުރާލި، ކެރޭ ހިންގުންތެރި، ޤާބިލް ވެރިއެކެވެ.

ޤާސިމް އިބްރާހީމްގެ އެހީއާއި އަދި ވިލާ ފައުންޑޭޝަން.
ޤާސިމް އިބްރާހީމް މީގެ ތެއްތިރީސް އަހަރު ކުރިން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވެންނެވީއްސުރެ އެމަނިކުފާނު ގެންދަވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި މިންވަރަކުން ނިކަމެތީންނަށާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދެއްވަމުންނެވެ. މުދަލަކީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ މިލްކެއް ކަމަށާއި، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތަނަވަސްކަން ދެއްވާނެ ކަމުގެ ޙަޤީޤަތް ޤާސިމް އިބްރާހީމް އަބަދުވެސް ޤަބޫލު ކުރައްވައެވެ. އަދި ޚުދު ޤާސިމް އިބްރާހީމްގެ މިޒާޖުފުޅުގައިވެސް ނިކަމެތީންގެ ޙާލު އަޙުވާލު ބެއްލެވުމާއި، މީހުންނަށް އެހީވުމާއި، އޯގާތެރިވުމުގެ މަތިވެރި ސިފަތައް އަށަގެންފައިވެއެވެ. މިހެންކަމުން ރާއްޖޭގެ ގިނަ މުއްސަނދީންނާއި ޚިލާފަށް ޤާސިމް އިބްރާހީމް އަބަދުވެސް ގެންދެވީ އަދި ގެންދަވަނީ އެހީއަށް ބޭނުންވާ މީހުންނަށް ވެދެއްވެން އޮތް އެންމެ ބޮޑު އެހީއެއް އަމިއްލަފުޅު ތަކެއްޗާއި ފައިސާއިން ދެއްވަމުންނެވެ. ކިތަންމެ ގިނަ އެހީތަކެއް މީހުންނަށް އަބަދާ އަބަދު ދެއްވި ކަމުގައިވިޔަސް ނިކަމެތި ރައްޔިތުންނަށް ހެޔޮދުޢާތަކާއި ޤާސިމް އިބްރާހީމްގެ ބުރަ މަސައްކަތުގެ ސަބަބުން، މަދުވުމުގެ ބަދަލުގައި މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެކަލާނގެ ދީލަތި ނިޢުމަތާއި ތަނަވަސްކަމާއި ރިޒުޤް ޤާސިމް އިބްރާހީމަށް އިތުރުވަމުން ދެއެވެ.
ރާއްޖެއިން ލިބެންނެތް ޞިއްޙީ ފަރުވާ ދިވެހީންނަށް ޤާސިމް އިބްރާހީމް ނުވަތަ ވިލާ ފައުންޑޭޝަނުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެއްވަނީ އިންޑިޔާއިންނެވެ. އަދި ޝްރީލަންކާއާއި ތައިލެންޑުންވެސް ވިލާ ފައުންޑޭޝަނުން ދިވެހީންނަށް ޞިއްހީ ފަރުވާ ފޯރުކޮށްދެއެވެ. ކެންސަރާއި ކިޑްނީގެ ބަލިތަކާއި މިނޫންވެސް ނުރައްކާތެރި ބަލިބައްޔާއި އެހެނިހެން ބަލިބައްޔާއި އަދި މިނޫންވެސް ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް ދަނީ އެހީދެއްވަމުންނެވެ. މިގޮތުން އެތަކެއް ހާސް ނުވަތަ އެތައް ސަތޭކަ މީހުންނަށް އެހީދެއްވައި އެމީހުން ބަލި ރަނގަޅުވެފައިވާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރު ހެދުމާއި ބިން ހިއްކުމާއި، ކަރަންޓުލުމާއި، ތަޢްލީމަށާއި ތަމްރީނަށާއި، މިނޫންވެސް ރައްޔިތުންގެ ލާބައާއި މަންފާއަށާއި ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުން ލިބޭ ހުރިހާ ދާއިރާތަކަކުން ޤާސިމް އިބްރާހީމްގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށް ދެއްވާފައިވެއެވެ. އަދި ގެންދަވަނީ ދެއްވަމުންނެވެ. އެހީ ދެއްވުމުގައި އެއީ ކާކުތޯ ނުވަތަ ކޮން ބައެއްތޯ ނުބައްލަވައެވެ. ޙާލުގައި ޖެހިފައިވާ ކޮންމެ މީހެއް ކަމުގައި ވިޔަސް ނުވަތަ ކޮންމެ ބައެއް ކަމުގައި ވިޔަސް ވެވަޑައިގެންނެވި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް އާންމު ރައްޔިތުން ފޮނުއްވާ ސިޓީތައް ޚުދު ޤާސިމް އިބްރާހީމް ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވައެވެ. މިހުރިހާ އެހީތަކާއި ޚިދުމަތްތަކެއް ރައްޔިތުންނަށް، އަމިއްލަ ތަކެއްޗާއި ފައިސާއިން ދެއްވާ، ޤާސިމް އިބްރާހީމް ފިޔަވައި އެހެން މީހެއް މިޤައުމުގައި އެބަހުރިތޯއެވެ. އަދި މިގޮތުން ޝީ އަށާއި ކެއަރ ސޮސައިޓީ ފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ރަށްރަށުގެ ކޮމެޓީތަކާއި މިނޫންވެސް ޖަމާޢަތަށް ޚިދުމަތްކުރާ އެތައް ފަރާތަކަށްވެސް ޤާސިމް އިބްރާހީމް ވަނީ ދީލަތި އެހީތައް ދެއްވާފައެވެ.
ޤާސިމް އިބްރާހީމްގެ އެހީތައް އެއް ފުރާޅެއްގެ ދަށަށް ގެންނަވައި މިކަމުގެ ނިޒާމު ފުރިހަމަ ކުރެއްވުމަށްޓަކައި ދުނިޔޭގައި މިބާވަތުގެ ކަންތައްތައް އޮންނަ ގޮތުގެމަތިން ފައުންޑޭޝަނެއް ވަނީ ޤާއިމް ކުރައްވާފައެވެ. އެއީ 19 މާރޗް 2003 ގައި އުފެއްދެވި ވިލާ ފައުންޑޭޝަނެވެ.
މެލޭޝިޔާ، އިންޑިޔާ، ސްރީލަންކާ، ސިންގަޕޫރު، އޮސްޓްރޭލިޔާ، ނިއުޒީލެންޑް، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ޤައުމުތަކާއި، މިނޫންވެސް ޤައުމުތަކުން، ޕީ.އެޗް.ޑީ. މާސްޓަރޒް، ބެޗްލަރ ޑިގްރީ، އަދި މިނޫންވެސް މަތީ ތަޢްލީމުގެ ފަންނީ ކޯސް ޤާސިމް އިބްރާހީމްގެ އެހީގައި ދިވެހިރައްޔިތުންގެ އެތައް ސަތޭކަ ޒުވާނުން ވަނީ ޙާޞިލްކޮށްފައެވެ. މިހާރުވެސް އެތައް ސަތޭކަ ޒުވާނުންނާއި ދަރިވަރުންނެއް ގެންދަނީ، މަތީ ތަޢުލީމުގެ ސްކޮލަރޝިޕް، ފެލޯޝިޕްތައް ފުރިހަމަ ކުރައްވަމުންނެވެ.
ޤާސިމް އިބްރާހީމް ދިވެހިޤައުމާއި މުޖުތަމަޢަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ސަބަބުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުތަކާއި ޝަރަފްވެރިކަމުގެ އިނާމުތައް ދައުލަތުން ވަނީ ދެއްވާފައެވެ.
އަދި މިރާއްޖޭގައި ދައުލަތް ފިޔަވައި، އަމިއްލަ ފަރާތަކުން މިރާއްޖޭގައި އަލަށް ފެށި އެތައް ކަމަކާއި މަސައްކަތްތަކަކީ، ޤާސިމް އިބްރާހީމް ފެއްޓެވި ކަންތައްތައް ކަމަށް ވެފައިވެއެވެ. މިގޮތުން އަމިއްލަ ފަރާތަކުން އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވި އެހީގެ ފައުންޑޭޝަނަކީ، ވިލާ ފައުންޑޭޝަނެވެ. އަދި އަމިއްލަ ފަރާތަކުން ރާއްޖޭގައި ފުރަތަމަ ހަދާ އެއަރޕޯޓަކީ، މާމިގިލީ އެއަރޕޯޓް ކަމަށްވާއިރު މާމިގިލީ ބަނދަރަކީ ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ބަނދަރެކެވެ. އަމިއްލަ ފަރާތަކުން ރާއްޖޭގައި ފުރަތަމަ ހުޅުވި ކޮލެޖަކީ ވިލާ ކޮލެޖެވެ.

ތައުލީމީ ދާއިރާ- ވިލާ ކޮލެޖް.
ރާއްޖެއިން ބޭރުން ޕީއެޗްޑީ މާސްޓަރޒް ޑިގްރީ، އަދި ފަސްޓް ޑިގްރީއާއި ފަންނީ ކޯސްތައް ހެދުމުގެ ފުރުޞަތު އެތައްހާސް ދިވެހީންނަކަށް ނުވަތަ މިފުރުޞަތުތައް އެންމެ ގިނަ ދިވެހީންނަށް ނުވަތަ ޒުވާނުންނަށް ހޯއްދަވައި ދެއްވުމުގެ އިތުރުން، ރާއްޖޭގައި ތިބެގެން ދިވެހީންނަށް މަތީ ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް އެންމެ ފުރަތަމަ ކޮލެޖެއް ޤާއިމް ކުރެއްވީވެސް ޤާސިމް އިބްރާހީމެވެ. 17 އޮކްޓޯބަރ 2007 ގައި އުފެދުނު ވިލާ ކޮލެޖްގައި ތިން ފެކަލްޓީއެއް މިހާރުވެސް ހިމެނެއެވެ. އެއީ، ފެކަލްޓީ އޮފް ކޮމްޕިއުޓިންގ އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ފެކަލްޓީ އޮފް މެރިން ސައިންސަސް އެންޑް ވޯޓަރ ސްޕޯޓްސް، ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު ތިން ފެކަލްޓީއެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ފެކަލްޓީ އޮފް އެޑިޔުކޭޝަނެވެ.
ޤާސިމް އިބްރާހީމް ދިވެހިޤައުމާއި މުޖުތަމަޢަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ ސަބަބުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުތަކާއި ޝަރަފްވެރި ކަމުގެ އިނާމުތައް ދައުލަތުން ވަނީ ދެއްވާފައެވެ.

 
yesiten