Jumhooree party

ޖުމްހޫރީ ޕާޓީ

 

މޭޑޭ 2015 ގެ މުޒާހަރާއިން ހައްޔަރުކޮށް ، ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް މާފުށީ ޖަލުގައި ނިޔާވި އަލްމަރުޙޫމް ޢަބްދުﷲ ރަޝީދުގެ މަރާމެދު ކަންބޮޑުވުން ފާޅުކުރުން .

ޖުމްހޫރީ ޕާޓީ

މާލެ، ދިވެހިރާއްޖެ

                                                      ނަންބަރު: JP-NB/2017/10/024

ނޫސްބަޔާން

  1މޭ 2015 ދުވަހު ބޭއްވުނު މޭޑޭ މުޒާހަރާއިން ހައްޔަރުކޮށް، މާފުށީޖަލުގައި ޙުކުމެއް، ތަންފީޒް ކުރަމުން ގެންދަނިކޮށް 10/10/2017 ވީ ހޯމަދުވަހު ނިޔާވެފައިވާ ގ.ކީމާ އަލްމަރުޙޫމް ޢަބްދުﷲ ރަޝީދުގެ މަރާމެދު މި ޕާޓީން ނުހަނު ކަންބޮޑުވަމެވެ.

 ކޮންމެ ޤައިދީއަކަށްވެސް، ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ އެކަން މަތިކުރެވިފައިވާ ދަޢުލަތުގެ މުއައްސަސާތަކުގެ ޒިންމާއެކެވެ. މިގޮތުން ބަލި ޙާލުގައިވާ މީހާއަށް ލިބެންޖެހޭ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދިނުމަކީވެސް، ޤައިދީން ގެ ކަންކަން ބެލެހެއްޓުމަށް ދަޢުލަތުން މަތިކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޒިންމާއެކެވެ. މަރުޙޫމް ޢަބްދުﷲ ރަޝީދުއަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވީހިނދު، އޭނާއަށް ޞިއްޙީ ފަރުވާ ނުލިބި ލަސްވެ، ފުރާނަ ގެއްލިގެންދިއުމުގެ ޙާދިޘާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޢަމަލުކޮށްފައިވަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއެއްގޮތައްތޯ، މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން، އިންސާފުވެރިކަމާއެކު ތަޙުޤީޤްކޮށް ބެއްލެވުމަށް މި ޕާޓީއިން ގޮވާލަމެވެ.

މިފަހަކަށް އައިސް، ޖަލުތަކުގައި މިފަދަ ކުއްލި އަދި ގޮތްނޭންގޭ މަރުތައް އިތުރުވަމުންދާ ދިއުމަކީ  މި ޕާޓީގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ. ޞިއްޙީފަރުވާއަކީ ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްގެ އިތުރުން ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ  ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމަށާއި،  މިފަދަ ހިތާމަވެރި ޙާދިޘާތައް ތަކުރާރުވިޔަ ނުދިނުމައްޓަކައި، ޖަލުގެ ޤައިދީންގެ ޞިއްޙީ ޙާލަތު ދެނެގަނެ ޤައިދީންނަށް ލިބެންޖެހޭ ޞިއްޙީ ފަރުވާގެ ފުރުޞަތުތައް ލަސްނުކޮށް ފޯރުކޮށްދިނުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްޞަސާތަކަށް މި ޕާޓީން އިލްތިމާސްކުރަމެވެ.

                11 އޮކްޓޯބަރ 2017

 

 
yesiten